ނިއުޒިލެންޑުގެ ވައިޓަންގީ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ.
އެކްސްގައި މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ނިއުޒިލެންޑުގެ ވައިޓަންގީ ދުވަހުގެ ތަހުނިޔާ އެ ޤައުމުގެ ގަވަރުނަރު ޖެނެރަލް ޑޭމް ސިންޑީ ކީރޯ އާއި ބޮޑުވަޒީރު ކްރިސްޓޮފަރ ލަކްސަން އަދި އެ ޤައުމުގެ ސަރުކާރާއި ރައްޔިތުންނަށް ފޮނުއްވާ ކަމަށެވެ.
ރައީސް ވިދާޅުވީ ވައިޓަންގީ ދުވަހަކީ ޤައުމުގެ އެއްބައިވަންތަކަމާއި ތަރައްގީއަށްޓަކައި ސިންދަފާތު މުޖުތަމަޢެއް ބަލައިގަތުން ފާހަގަކުރާ ދުވަހެއްކަމަށެވެ. އަދި އެ ޤައުމަށް ހަމަޖެހުމާއި ލާބަޔާއި މަންފާއަށް އެދިވަޑައިގަންނަވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރާއްޖެއާއި ނިއުޒިލެންޑާ ދެމެދު ގާއިމުކޮށްފައިވާ ގާތް ގުޅުން ކުރިއަށް އޮތްތަނުގައިވެސް ދެ ޤައުމަށް ފައިދާވާނެ ކަންކަމުގައި އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ.
ނިއުޒިލެންޑުން ވައިޓަންގީ ދުވަސް ފާހަގަކުރަނީ 1840 ވަނަ އަހަރު އިނގިރޭސިވިލާތުގެ ޝާހީ އާއިލާ އާއި ނިއުޒިލެންޑުގެ މައުރީ ނަސްލުގެ މީހުންނާމެދު އެ ޤައުމުގައި އިނގިރޭސިވިލާތުގެ ސިޔާދަތީ ބާރު ގާއިމުކުރުމަށް އެއްބަސްވުމުގައި ސޮއި ކުރި ދުވަހާ ގުޅުވައިގެންނެވެ.
ނިއުޒިލެންޑުގެ ޤައުމީ ދުވަހުގެ ގޮތުގައިވެސް ފާހަގަކުރާ މި ދުވަސް އެންމެ ފުރަތަމަ ފާހަގަކުރަން ފެށީ 1934 ގައެވެ.



