މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުން ހުއްޓުވުމަށް ކުރާ މަސައްކަތުގެ ތެރެއިން، މިއަހަރުގެ ތެރޭގައި ކޮންޓެއިނަރ ސްކޭނަރެއް އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ހޯމް މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން ދައުލަތުގެ ޓީވީ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، މީގެ ކުރިން ވައިގެ މަގުން ރާއްޖެއަށް ގެންނަ ޕެކޭޖުތައް ރެންޑަމްކޮށް ސްކްރީން ކުރަމުން ދިޔަ ނަމަވެސް، މިހާރު ހުރިހާ ޕެކޭޖެއް ސްކޭން ކުރަން ފަށާފައިވާ ކަމަށެވެ. އަދި ކަނޑުމަގުން އެތެރެކުރާ ތަކެތި ފާސްކުރުމަށްޓަކައި ޚާއްޞަ ކޮންޓެއިނަރ ސްކޭނަރެއް މިއަހަރުގެ ތެރޭގައި ބޭނުންކުރަން ފެށުމުން، މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެޅުއްވި އެންމެ މުހިންމު ފިޔަވަޅަކީ، މިކަމާ ގުޅުންހުރި ހުރިހާ އިދާރާތަކެއް އެއް މިނިސްޓްރީއެއްގެ ދަށަށް ގެނައުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ ސަބަބުން މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށާއި، ރާއްޖޭގައި މިތަކެއްޗަށް އޮތް ޑިމާންޑް ކުޑަކުރުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާވެފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ފާއިތުވި ދެ އަހަރުގެ ތެރޭގައި ކުރެވުނު މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ބަނގުރާ ހިމެނޭހެން ގާތްގަނޑަކަށް 2.3 ބިލިޔަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވާ ކަމަށެވެ.
”މިދިޔަ ދެ އަހަރަށް ބަލާލާނަމަ ދެ އަހަރު އެއްކޮށްލައިގެން ގާތްގަނޑަކަށް 1.3 ޓަނުގެ މަސްތުވާތަކެތި، އެއީ 1300 ކިލޯގެ މަސްތުވާތަކެތި އަޅުގަނޑުމެން ވަނީ އަތުލައިގެންފައި،“ މިނިސްޓަރު ވިދާޅުވިއެވެ.
މިއީ ކުރީގެ ތިން ދައުރެއްގެ ފުރަތަމަ ދެ އަހަރާ އަޅާބަލާއިރު އެންމެ ގިނަ މަސައްކަތް ކުރެވުނު މުއްދަތުކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ، މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރާތްތައް ހުއްޓުވުމަށް ފަށާފައިވާ ”އޮޕަރޭޝަން އަލިމަގު“ ގެ ދަށުން ގއ. ވިލިނގިލި، ފުވައްމުލައް އަދި އައްޑޫ ސިޓީގައި މި ވިޔަފާރި ކުރާ ފަރާތްތައް ދެނެގަނެވިފައިވާ ކަމަށާއި އަދި ރައީސްގެ އިރުޝާދުގެ ދަށުން މި އޮޕަރޭޝަން މުޅި ރާއްޖެއަށް ފުޅާކުރުމަށް ނިންމާފައިވާ ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި، މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ފަރުވާ ދިނުމުގެ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި، މިއަހަރުގެ ތެރޭގައި އަމިއްލަ ފަރާތްތަކަށްވެސް ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.
މިފަދަ މަރުކަޒުތައް ހިންގާނީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ކަމަށާއި، ނޭޝަނަލް ޑްރަގް އެޖެންސީގެ އިންފްރާސްޓްރަކްޗަރ ތަރައްގީ ކުރުމުގެ މަސައްކަތްވެސް ބާރުމިނުގައި ކުރިއަށްދާ ކަމަށް މިނިސްޓަރު އިޙްސާން ވިދާޅުވިއެވެ.



