ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހުއްޓުމެއްނެތި ކުރިއަށްގެންދާ ލާއިންސާނީ ހަމަލާތަކުގައި ޝަހީދުކޮށްލި ފަލަސްތީނުގެ ރައްޔިތުންގެ ޖުމްލަ އަދަދު 72,000 އަށްވުރެ މައްޗަށް އަރައިފިއެވެ.
ޣައްޒާގެ ސިއްހީ ވުޒާރާއިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމުގައި މިހާތަނަށް 72,027 މީހުން ވަނީ ޝަހީދުވެފައެވެ.
ޣައްޒާގެ ސިއްހީ ވުޒާރާއިން މައުލޫމާތު ދީފައިވާ ގޮތުގައި، އިސްރާއީލުން މިއަދު ދިން ހަމަލާތަކުގައިވެސް ފަލަސްތީނުގެ ދެ މީހަކު ޝަހީދުވެ، އިތުރު 25 މީހަކު ވަނީ ޒަހަމްވެފައެވެ.
ގަތުލުއާންމު ހުއްޓާލުމުގެ އެއްބަސްވުމަކަށް އައިސް، އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން އެ އެއްބަސްވުމަށް އަމަލުކުރަން ފެށި ނަމަވެސް، އިސްރާއީލުން ދަނީ އެއްބަސްވުމާ ހިލާފަށް ހަމަލާތައް ދެމުންނެވެ.
މި މުއްދަތުގެ ތެރޭގައި އެކަނިވެސް ޣައްޒާގެ 576 މީހުން ޝަހީދުކޮށްލާފައިވާއިރު، 1,543 މީހުން ޒަހަމްކޮށްލާފައިވާ ކަމަށް ސިއްހީ ވުޒާރާގެ ރިޕޯޓުތަކުން ދައްކައެވެ.




