އޮތެންޓިކް މޯލްޑިވްސްގެ އުފެއްދުންތައް ޖަޕާނުގެ ބާޒާރުގައި ވިއްކުމާއި، ދިވެހި އުފެއްދުންތައް އެ ގައުމުގައި މާކެޓްކުރުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.
މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު މަޚްލޫފް، ޖަޕާނުގެ ކަމާބެހޭ އިސް ފަރާތްތަކާއެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ.
ޖަޕާނުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި މަޚްލޫފް ވަނީ ޖަޕާނުގެ ޖޭ.އޭ.ޓީ.އެސް ކޯ ލިމިޓެޑްގެ ޑިރެކްޓަރާއި ގްލޯބަލް ޓްރޭޑް ރިސޯސަސްގެ މެނޭޖިންގ ޑިރެކްޓަރާ ބައްދަލުކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމަކީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގެ މެނޭޖްމަންޓުގެ އެދިވަޑައިގަތުމަކަށް، ދިވެހި އުފެއްދުންތަކަށް ބައިނަލްއަގުވާމީ މާކެޓް ހޯދައިދިނުމަށް ކުރެވޭ މަސައްކަތުގެ ބައެކެވެ.
މި ބައްދަލުކުރެއްވުމާ ގުޅޭގޮތުން މަޚްލޫފް ވިދާޅުވީ، ޖަޕާނުގައި ހިންގާ ’ވަން ވިލެޖް ވަން ޕްރޮޑަކްޓް’ ފިހާރަތައް މެދުވެރިކޮށް އޮތެންޓިކް މޯލްޑިވްސްގެ އުފެއްދުންތައް ވިއްކޭނެ މަގު ފަހިކުރުމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމަށެވެ. މީގެ ބޭނުމަކީ ދިވެހި އުފެއްދުންތައް ޖަޕާނުގައި މިހާރަށްވުރެ ބޮޑަށް މާކެޓްކޮށް، ވިއްކޭނެ އަދަދު އިތުރުކުރުމެވެ.
މި ފުރުޞަތުގެ ސަބަބުން ދިވެހި އަތްތެރި މަސައްކަތްތެރިންނާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އުފެއްދުންތައް ބައިނަލްއަގުވާމީ ބާޒާރަށް ތައާރަފުވެ، ދިވެހި މަސައްކަތްތެރިންނަށް އިގްތިސާދީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
އޮތެންޓިކް މޯލްޑިވްސްއަކީ ބީސީސީން އިސްނަގައިގެން ދިވެހި އުފެއްދުންތެރިންގެ މަސައްކަތްތައް އެއް ފުރާޅެއްގެ ދަށުން މާކެޓްކޮށް ވިއްކުމަށް ހިންގާ ހާއްސަ މަޝްރޫއެކެވެ. ބީސީސީން އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގެ އިތުރުން ބައިނަލްއަގުވާމީ މައިދާނުގައިވެސް ދިވެހި އުފެއްދުންތަކަށް އޮތް ތަރުހީބު އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.


