ހިތަދޫ ވިޔަފާރި ބަނދަރުގައި ކާބޯތަކެއްޗާއި އަސާސީ މުދާ ޑިއުޓީ ފްރީކޮށް ބަހައްޓައި، ބޮންޑެޑް ޒޯންގެ ޚިދުމަތް ޤާއިމްކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް އާއި މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އާދެމެދު މިއަދު ސޮއިކޮށްފިއެވެ.
އައްޑޫ ހައި ސްކޫލްގައި މިއަދު ހަވީރު އޮތް ރަސްމިއްޔާތެއްގައި އިކޮނިމިކް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ މުޙައްމަދު ސައީދެވެ. އެމް.ޕީ.އެލްގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކުޓިވް އޮފިސަރ، ޑީ.ސީ.ޕީ (ރިޓަޔަރޑް) މުޙައްމަދު ރިޝްވާނެވެ.
އައްޑޫ ސިޓީގައި ކާބޯތަކެއްޗާއި އަސާސީ މުދާ ޑިއުޓީ ފްރީކޮށް ބެހެއްޓުމުގެ ޚިދުމަތް މި ހިނގާ ފެބްރުވަރީ މަހުގެ ތެރޭގައި ހިތަދޫ ވިޔަފާރި ބަނދަރުގައި ފަށާނެ ކަމަށް 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
އެމްޕީއެލް އިން ބުނިގޮތުގައި، އިކޮނޮމިކް މިނިސްޓްރީ އާއި އެމް.ޕީ.އެލްއާ ދެމެދު މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ހިތަދޫ ވިޔަފާރި ބަނދަރުގައި ކާބޯތަކެއްޗާއި އަސާސީ މުދާ އަދި އެހެނިހެން ބާވަތްތަކުގެ މުދާ ޑިއުޓީ ފްރީކޮށް ބެހެއްޓޭނެ ބޮންޑެޑް ސަރަހައްދެއް ޤާއިމްކުރުމުގެ އިތުރުން ރާއްޖޭގެ ދެކުނުގެ ސަރަހައްދުގައި ހިމެނޭ ރިޒޯޓްތަކަށް އަމާޒުކޮށްގެން ބޮންޑެޑް ވެއަރހައުސްގެ ޚިދުމަތުގެ އިތުރުން، އިމާރާތްކުރުމަށް ބޭނުންވާ ހިލަ އަދި ހިލަވެލި ފަދަ ބާވަތްތައް ގެނެސް ބަލްކްކޮށް ރައްކާކުރުމަށް ހާއްސަ ކުރެވިފައިވާ ސަރަހައްދެއް ޤާއިމްކުރުން ހިމެނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ސައީދު ވިދާޅުވީ ރާއްޖޭގެ ސަރަހައްދީ ބަނދަރުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތެއްގައި ހިފޭނީ މިފަދަ ހިދުމަތްތައް ފޯރުކޮށްދީގެން ކަމަށެވެ.
”ބައިނަލްއަޤްވަމީ ހިދުމަތް ދޭ ޕޯޓް (އުތުރާއި ދެކުނުގައި) އޮތްއިރު، މިއީ ހަމައެކަނި ސެޓަލައިޓް ދެ ޕޯޓްގައި އޮވެގެނެއް ވިޔަފާރިއެއް ނުއުފެދޭނެ. އެތަންތާ ވިޔަފާރި އުފެދޭނީ ވިޔަފާރި އުފެދޭ ގޮތަށް ކަންތައްތަކެއް ކޮށްގެން،“ މިނިސްޓަރު ވިދާޅުވިއެވެ.
އެމް.ޕީ.އެލްގެ ސީ.އީ.އޯ ރިޝްވާން ވިދާޅުވީ ސަރަހައްދީ ބަނދަރުތަކުގައި ގިނަ ހިދުމަތްތަކެއް ޤާޢިމުކުރެވުމަކީ މާލޭ ވިޔަފާރި ބަނދަރަށްވެސް ލިބޭނެ ލުޔެއް ކަމަށެވެ.
ރިޝްވާން ވިދާޅުވީ 2026 ވަނަ އަހަރު ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތަށް 2027 ވަނަ އަހަރުގެ ނޮވެމްބަރު މަހު މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތްކުރަމުންދާއިރު، ސަރަހައްދީ ބަނދަރުގެ ހިދުމަތްތައް ފުޅާކުރުމަކީވެސް މުހިންމު ކަމެއް ކަމަށެވެ.
”އަޅުގަނޑުމެން އެންމެނަށްވެސް ލިބޭނެ އުފަލަކާއި ހިތްހަމަޖެހުމަކަށްވާނެ އަތޮޅުތެރެއަށް މި އަންނަ ކާގޯގެ އަގު ހެޔޮކުރެވި، އޭގެ ސަބަބުން ގިނަގުނަ މަންފާތަކެއް ރައްޔިތުންނަށް ފޯރުކޮށްދެވުމުން،“ ރިޝްވާން ވިދާޅުވިއެވެ.
މި ހިދުމަތްތަކަކީ ދެކުނުގެ ސަރަޙައްދުތަކުގެ ތަރައްޤީގައިވެސް އައްޑޫ ސިޓީން އަދާކުރާ އިސް ދައުރު ފުޅާވެގެން ދިއުމަށް މަގުފަހިވުމުގެ އިތުރުން، ސަރުކާރުން ދެމެހެއްޓެނިވި ތަރައްޤީ، ފުޑް ސެކިއުރިޓީ، އަދި ވިޔަފާރީގެ ހަރަކާތްތައް މުޅި ރާއްޖެއަށް ފުޅާކުރުމަށް ދެއްވާ އިސްކަން ރަމްޒުކޮށްދޭ މުހިންމު މަޝްރޫޢެއް ކަމަށް އެމްޕީއެލްއިން ބުންޏެވެ.




