އިނގިރޭސިވިލާތުގެ މަޝްހޫރު ބްރިޓިޝް ރެޕް ލަވަކިޔުންތެރިޔާ، އޯކްލީ ނީލް ސީޒާ-ސޫ (ސެންޓްރަލް ސީ) އިސްލާމްދީން ގަބޫލުކޮށްފިކަން ރަސްމީކޮށް ހާމަކޮށްފިއެވެ.
”ބޭންޑް 4 ބޭންޑް“ ފަދަ މަޝްހޫރު ލަވަތަކުން މަގުބޫލުކަން ހޯދާފައިވާ މި ފަންނާނު މިކަން ހާމަކުރީ ދާދި ފަހުން ކުރިއަށް ގެންދިޔަ ލައިވްސްޓްރީމެއްގައެވެ.
އިސްލާމްދީން ގަބޫލުކުރުމާ އެކު އޭނާގެ ނަން ވެސް ބަދަލުކޮށްފައިވާކަން ސެންޓްރަލް ސީ ވަނީ ހާމަކޮށްފައެވެ.
”އަހަރެން މިހާރު ނަން ބަދަލުކޮށް ޝަހާދަތް ކިޔައިފިން، އަހަރެންނަކީ މިހާރު މުސްލިމެއް. ނަމަކީ އަޙީލް“ ލައިވްސްޓްރީމްގައި އޭނާ ބުންޏެވެ.
މި ވީޑިއޯގައި އޭނާގެ ރައްޓެހިން ވެސް ވަނީ އޭނާއަށް މަރުހަބާ ކިޔާފައެވެ.
އިސްލާމްދީން ގަބޫލުކުރުމުގެ ކުރިން ސެންޓްރަލް ސީ ވަކި ދީނަކަށް އުޅޭކަން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. ޖޫން 4، 1998 ގައި ލަންޑަނަށް އުފަންވި ސެންޓްރަލް ސީއަކީ އިނގިރޭސި މަންމައަކާއި ގަޔާނީޒް އަދި ޗައިނާ ދަރިކޮޅުގެ ބައްޕައަކަށް ލިބިފައިވާ ދަރިއެކެވެ. އޭނާ ބޮޑުވީ މަންމައާއި ދެ ކޮއްކޮއާއެކު ޝެޕަޑްސް ބުޝްގައެވެ.
ސެންޓްރަލް ސީގެ މިއުޒިކީ ކެރިއަރު ފެށުނީ 2014 ވަނަ އަހަރު ”ފަޔަރ އިން ދަ ސްޓްރީޓްސް“ ސީރީޒްއިންނެވެ. އޭނާގެ ފުރަތަމަ ލަވަ ފެނިގެންދިޔައީ 2015 ވަނަ އަހަރު ޖޭ ހަސް އާއެކު ކިޔާފައިވާ ”އެއިންޓް އޮން ނަޓިން“ ރީމިކްސްއިންނެވެ. ނަމަވެސް އޭނާއަށް ބޮޑު މަގުބޫލުކަމެއް ލިބުނީ 2020 ވަނަ އަހަރު ނެރުނު ”ޑޭ އިން ދަ ލައިފް“ ސިންގަލްއަށް ފަހުގައެވެ.
މިއަދު ސެންޓްރަލް ސީއަކީ ޔޫކޭގެ ޑްރިލް މިއުޒިކް ދާއިރާގައި ފާހަގަކޮށްލެވޭ ސުޕަސްޓާރެކެވެ. އޭނާ އިސްލާމްވި ޚަބަރާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނާއި މުސްލިމް މުޖުތަމައުތަކުން އަންނަނީ އުފާ ފާޅުކޮށް މަރުހަބާ ކިޔަމުންނެވެ.



