ސަރުކާރުން އަތޮޅުތެރޭގައި ގާއިމުކުރި ފުރަތަމަ އައިނު ފިހާރަ އައްޑޫ ސިޓީ، ހިތަދޫގައި މިއަދު ހުޅުވައި ހިދުމަތް ދޭން ފަށައިފިއެވެ.
އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ”އައިޖީއެމްއެޗް އޮޕްޓިކަލްސް އައްޑޫ“ ގެ ނަމުގައި ހުޅުވި މި ފިހާރަ ހުޅުއްވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމެވެ.
މިއަދު ހަވީރު ބޭއްވި މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރުގެ އިތުރުން އޭއީއެޗްގެ ސީއީއޯ ޑރ. އިބްރާހީމް ޔާސީރު ވެސް ބައިވެރިވެވަޑައިގަތެވެ.
މިއީ ސަރުކާރުން ހުޅުވި ތިންވަނަ އައިނު ފިހާރައެވެ. މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) އިން އެންމެ ފުރަތަމަ އައިނު ފިހާރައެއް ހުޅުވީ މިދިޔަ އަހަރުގެ ޖުލައި 27 ގައި އައިޖީއެމްއެޗްގައެވެ. އޭގެ ފަހުން ދެވަނަ ފިހާރަ ހުޅުވީ އޮގަސްޓް 27 ގައި ހުޅުމާލޭ ހޮސްޕިޓަލްގައެވެ.
ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ފަސް ރީޖަނަލް ހޮސްޕިޓަލެއްގައި އައިނު ހެއްދުމުގެ ހިދުމަތް ގާއިމުކުރުމެވެ.



