ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ދެވަނަ ވައިޑް ބޮޑީ އެއަރކްރާފްޓް މި އަހަރުގެ ތެރޭގައި ރާއްޖެ ގެނެސް އޮޕަރޭޝަނަށް ނެރޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފިއެވެ.
ރައީސް މިކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ރައީސްގެ ބަޔާނުގައި ފާހަގަކުރެއްވި ގޮތުގައި، މޯލްޑިވިއަނުން ވައިޑް-ބޮޑީ އެއަރކްރާފްޓް އޮޕަރޭޝަން ތައާރަފްކޮށްފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. މިހާރު ބޭނުންކުރަމުންދާ ބޯޓާއެކު މިދިޔަ އަހަރުގެ ޖެނުއަރީ 22 އިން ފެށިގެން ޗައިނާގެ ތިން މަންޒިލަކަށް ކޮމާޝަލް ދަތުރުތައް ފަށާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ އެއަރޕޯޓްތަކުގެ ތަރައްޤީއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، މާފަރު އިންޓަނޭޝަނަލް އެއަރޕޯޓްގެ ރަންވޭއާއި އެޕްރަން މިހާރު ބޮޑުކޮށްފައިވާ ކަމަށެވެ. މީގެ ސަބަބުން ބޮއިންގ 777 އަދި އެއަރބަސް އޭ350 ފަދަ ބޮޑެތި މަތިންދާބޯޓުތަކަށް އެ އެއަރޕޯޓުން ޚިދުމަތް ދެވޭނެ ކަމަށާއި، އެއަރޕޯޓްގެ ޓާމިނަލް ބޮޑުކުރުމުގެ މަޝްރޫއުވެސް މިހާރު ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެއަރޕޯޓްތައް އަޕްގްރޭޑް ކުރުމަށް ކުރެވުނު މަސައްކަތުން ރާއްޖޭގައި މިހާރު އޮޕަރޭޓްކުރާ ހުރިހާ އެއަރޕޯޓެއްގައި ރޭގަނޑު ފްލައިޓް ޖެއްސޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ.
މޯލްޑިވިއަނުން މިހާރު ބޭނުންކުރަމުންދާ އެއަރބަސް އޭ330 މަރުކާގެ ވައިޑްބޮޑީ ބޯޓަކީ 264 ފަސިންޖަރުންގެ ޖާގަ ހިމެނޭ ބޯޓެކެވެ. މީގެ ތެރޭގައި 18 ބިޒްނަސް ކްލާސް ސީޓާއި، 36 ޕްރިމިއަމް އިކޮނޮމީ އަދި 210 އިކޮނޮމީ ސީޓު ހިމެނެއެވެ. އަދި މި ބޯޓުގައި 10 ޓަނުގެ ކާގޯ އުފުލުމުގެ ގާބިލުކަން ހުރެއެވެ.
މޯލްޑިވިއަންގެ ވައިޑްބޮޑީ އޮޕަރޭޝަންގެ ދަށުން މިހާރު ދަތުރުތައް ކުރަމުންދަނީ ޗައިނާގެ ބެއިޖިން، ޗެންޑޫ އަދި ޝެންހާއީ އަށެވެ.



