ޕާކިސްތާނުގެ އިސްލާމްއާބާދުގެ ތަރްލާއީ ސަރަޙައްދުގައި ހުރި މިސްކިތެއްގައި ހުކުރު ނަމާދު ވަގުތު ދިން ނުރައްކާތެރި ޙަމަލާ، ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
މި ހާދިސާގައި އެތައް ބައެއްގެ ފުރާނަ ގެއްލި، ގިނަ އަދަދެއްގެ ބަޔަކު ވަނީ ޒަޚަމްވެފައެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ ދިވެހި ސަރުކާރުގެ ފަރާތުން، ޕާކިސްތާނުގެ ސަރުކާރަށާއި ރައްޔިތުންނަށް ތަޢުޒިޔާ ވިދާޅުވެފައެވެ. އަދި މި ޙަމަލާގައި ފުރާނަ ގެއްލުނު ފަރާތްތަކުގެ ޢާއިލާތަކަށް ކެތްތެރިކަން ދެއްވުން އެދި، މި އަނިޔާވެރި ޢަމަލުގައި ޒަޚަމްވި ފަރާތްތަކަށް އަވަސް ޝިފާއަކަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ވަނީ އެދިފައެވެ.
ޓެރަރިޒަމްގެ އެންމެހައި ޢަމަލުތަކަކީ ދިވެހިރާއްޖެއިން ބަލައިގަންނާނެ ކަންކަމެއް ނޫންކަމަށް މިނިސްޓްރީގެ ބަޔާނުގައި ބަޔާންކޮށްފައިވެއެވެ. ވަކިން ޚާއްޞަކޮށް، އަޅުކަންކުރާ ބިނާތަކަށް އަމާޒުކޮށްދޭ މިފަދަ ފިނޑި ޙަމަލާތަކަކީ އިންސާނިއްޔަތާއި، ދީނާއި، އަދި އެންމެން ޤަބޫލުކުރާ އަޚްލާޤީ އަސާސްތަކާ ޚިލާފު ޢަމަލުތަކެއް ކަމުގައި ރާއްޖެއިން ވަނީ ސިފަކޮށްފައެވެ.
މި ދަތި ދަނޑިވަޅުގައި ދިވެހިރާއްޖެ އޮތީ ޕާކިސްތާނާ އެކުގައިކަން ހާމަކުރައްވައި، ޓެރަރިޒަމާ ދެކޮޅަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކަށް ރާއްޖޭގެ ފުރިހަމަ އެއްބާރުލުން އޮންނާނެކަމުގެ ޔަޤީންކަން މިނިސްޓްރީން ވަނީ ދެއްވާފައެވެ.




