ދިވެހިރާއްޖެއަށް މިހާރު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތަކުގެ ލިސްޓުގެ އެއްވަނައަށް ޗައިނާ އަރައިފިއެވެ.
ޓުއަރިޒަމް މިނިސްޓްރީން މިއަދު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް ޗައިނާއިން ރާއްޖެއަށް 35,123 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
މި ލިސްޓުގެ ދެވަނައިގައި މިހާރު އޮތީ ރަޝިޔާއެވެ. އެ ގައުމުން ރާއްޖެއަށް 35,112 ފަތުރުވެރިން އައިސްފައިވާއިރު، ތިންވަނައިގައި އޮތް އިޓަލީން 28,676 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 285,127 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާކިޔާއިރު 5.3 އިންސައްތަގެ ކުރިއެރުމެކެވެ. ހަމައެކަނި ފެބްރުއަރީ މަހުގެ މިހާތަނަށްވެސް 60,339 ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފައެވެ.
ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އެތެރެވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އެގޮތުން ޖެނުއަރީ މަހު އެ އެއާޕޯޓުން 281,591 ފަތުރުވެރިން އެތެރެވިއިރު، 945 ފަތުރުވެރިންނާއެކު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އެތެރެވީ މާފަރު އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. ތިންވަނައިގައި އޮތް ގަން އިންޓަނޭޝަނަލް އެއާޕޯޓުން 941 ފަތުރުވެރިން ވަނީ އެތެރެވެފައެވެ.
ރާއްޖޭގެ ފަތުރުވެރިކަން ފުޅާވަމުންދާއިރު، މިހާރު ރާއްޖޭގައި 179 ރިސޯޓާއި، 16 ހޮޓެލް އަންނަނީ ހިދުމަތް ދެމުންނެވެ. މީގެ އިތުރުން 909 ގެސްޓް ހައުސް އާއި 169 ސަފާރީ އޮޕަރޭޓް ކުރަމުންދާކަން މިނިސްޓްރީގެ ހިސާބުތަކުން ދައްކައެވެ.




