މަސްޖިދުލް ޔޫސުފުލް ބަރުބަރީ މިސްކިތް މިމަހުގެ 16 ވަނަ ދުވަހު ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ވިދާޅުވީ ބަރުބަރީ މިސްކިތް މިމަހުގެ 16 ވަނަ ދުވަހުގެ އަޞްރު ނަމާދަށް ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މާލޭގައި 3 ބުރިއަށް އިމާރާތްކުރާ މި މިސްކިތަކީ 1400 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. މިއީ އަމިއްލަ ފަރާތަކުން ބިނާކުރާ މިސްކިތެކެވެ.
މިނިސްޓަރު ވިދާޅުވީ ވިލި މާލެ މަސްޖިދުއްސަލާމް އަދި ޒިކުރާ މިސްކިތުގެ އަމަލީ މަސައްކަތްވެސް ރަމަޟާން މަސް ފަހުން ފެށިގެންދާނެކަމަށާއި ރަމަޟާން މަސް ކައިރި ވެފައި އޮތުމުން މިތަންތަން ތަޅާ ނުލައި މަސައްކަތް ފެށުން ލަސްކޮށްލީ ރައްޔިތުންނަށް ދަތިވެދާނެތީކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ދެ މިސްކިތް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ސްޕޮންސަރ ލިބިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މި މިސްކިތްތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރެވުމާއެކު، މާލެ ސަރަހައްދުގައި ހުންނާނީ ބާ މިސްކިތަކަށް ހެންވޭރު އަފީފުއްދީން މިސްކިތް އެކަނިކަމަށެވެ. އެތަނަށް ވެސް އެހީ ހަމަޖެހިގެންދާނެކަމަށާއި މާފަންނު ބޮޑުގެ މިސްކިތުގެ މަސައްކަތް ވެސް ކުރިއަށްދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަދި އެމިސްކިތުގެ މަސައްކަތް އަންނަ އަހަރު ރޯދައަށް ނިމޭނެ ކަމަށާއި ހިރިގަލުގެ އާސާރީ މިސްކިތްތައް އާސާރީ ތަންތަންގޮތުގައި ދަމަހައްޓާނެ ކަމަށް މިނިސްޓަރު ޑރ. ޝަހީމު ވިދާޅުވއިެވެ.


