ގުޅީފަޅު ތަރައްޤީކުރުމަށް ބޭނުންވާ ޒަމާނީ މެޝިނަރީތައް ލިބުމާއެކު، އެ ރަށުގެ އިންފްރާސްޓްރަކްޗަރ މަސައްކަތްތައް މިއަހަރުގެ މޭ މަހުގެ ތެރޭގައި ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވައިފިއެވެ.
ރައީސް މިކަން ހާމަކުރެއްވީ 2026 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ރައީސްގެ ބަޔާނުގައި ފާހަގަކުރެއްވި ގޮތުގައި، ގުޅީފަޅުގެ މަޝްރޫ ފެށުމަށްޓަކައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ ވަސީލަތްތައް ވަރުގަދަކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އެގޮތުން، މަގު ހެދުމަށާއި އިންފްރާސްޓްރަކްޗަރ މަސައްކަތްތަކަށް ބޭނުންވާ ޒަމާނީ މެޝިނަރީތަކާއި ސާމާނު 2026 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ލިބޭނެ ކަމަށް ލަފާކުރެވެއެވެ.
މިއީ މެޝިނަރީ ކުއްޔަށް ހިފުމަށް ހިނގާ ބޮޑު ހަރަދު ކުޑަކޮށް، ދައުލަތުގެ އަމިއްލަ ގާބިލުކަމުގައި އެއްފަހަރާ ގިނަ މަޝްރޫތަކެއް ކުރިއަށް ގެންދިއުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ރައީސް ވިދާޅުވިއެވެ.
މޭ މަހު ގުޅީފަޅުގައި ފެށުމަށް ހަމަޖެހިފައިވާ މުހިންމު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތާއި، ކަރަންޓުގެ ވިއުގައިގެ މަސައްކަތުގެ އިތުރުން މަގު ހެދުމުގެ މަސައްކަތެވެ. މި މަޝްރޫޢުތަކަކީ ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތައް ގުޅިގެން ކުރިއަށް ގެންދާނެ މަސައްކަތްތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.
އާރްޑީސީން މިހާރު ވަނީ މަޝްރޫތަކަށް ބޭނުންވާ ހެވީ މެޝިނަރީ ހޯދުމަށް ޗައިނާގެ އެކްސްސީއެމްޖީ އާއި އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސޮލިއުޝަން (އައިޑީއެސް) އާ ދެމެދު ”ބިޒްނަސް ކޯޕަރޭޝަން އެގްރީމަންޓް” އެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން، މަގު ހެދުމަށް ބޭނުންވާ އަސްފަލްޓް މެޝިނަރީ ހިމެނޭހެން ޖުމްލަ 230 މެޝިނަރީ ރާއްޖެއަށް ގެނައުމަށް ވަނީ ހަމަޖެހިފަ އެވެ.
މީގެ އިތުރުން، މި މެޝިނަރީ ތަކަށް ބޭނުންވާ މަރާމާތުގެ ހިދުމަތްދޭ މަރުކަޒަކާއި، ސްޕެއަރ ޕާޓްސް ވިއްކާ މަރުކަޒެއް ރާއްޖޭގައި ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ އެވެ. ރައީސް ވިދާޅުވީ އާރްޑީސީއަށް ގެންނަ މެޝިނަރީގެ އެއް ސެޓަޕް ގުޅިފަޅަށް އަދި އިތުރު ސެޓަޕްއެއް ގިރާވަރުފަޅަށް ފޮނުވާނެ ކަމަށެވެ.
ގުޅިފަޅުގެ މަސައްކަތްތަކުގެ އިތުރުން، ގިރާވަރުފަޅުގެ ބިން ހިއްކުމުގެ މަސައްކަތް ނިމުމާއެކު، 2026 ވަނަ އަހަރުގެ މެދުތެރޭގައި އެތަނުގެ އިންފްރާސްޓްރަކްޗަރ މަސައްކަތްތައް ފެށުމަށްވެސް ސަރުކާރުން ވަނީ ރާވާފައެވެ.




