މާލެ ސަރަޙައްދުގައި ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ބަހަމުންދާ މަސްދަޅު ކޭސްތައް ދޫކުރުން ކުރިއަށް ދާނީ މިމަހުގެ 11 ވަނަ ދުވަހާ ހަމައަށް ކަމަށް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީން ބުނެފިއެވެ.
ސިޓީސް މިނިސްޓްރީއާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައް ގުޅިގެން މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ.
މިނިސްޓްރީން ބުނި ގޮތުގައި މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް، ހުކުރު ދުވަސް ފިޔަވައި ކޮންމެ ރެޔަކު 8:30 އިން 11:00 އަށް މަސްދަޅު ކޭސް ދޫކުރުން ކުރިއަށް ދާނެއެވެ.
މިހާތަނަށް މާލެ ސަރަޙައްދުގައި 43,923 މަސްދަޅު ކޭސް ވަނީ ދޫކޮށްފައެވެ. މާލެ ސަރަޙައްދުގައި ރަޖިސްޓްރީ ކޮށްފައިވާ ޑޮމެސްޓިކް މީޓަރުތަކުގެ އަދަދަކީ 65,230 އެވެ. ސަރުކާރުން މަސްދަޅު ދޫކުރަމުންދަނީ ކޮންމެ ޑޮމެސްޓިކް މީޓަރަކީ ގޭބިސީއެއް ކަމަށް ބަލައިގެންނެވެ.
މާލޭ ސަރަޙައްދުގެ އިތުރުން، އަތޮޅުތެރޭގެ ގިނަ ރަށްރަށުގައިވެސް މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. ރަށްރަށުގައި މި މަސައްކަތް ކުރިއަށް ގެންދަނީ އެ ރަށެއްގެ ކައުންސިލް އިދާރާތަކުންނެވެ.
މާލެ ސަރަޙައްދުގައި މަސްދަޅު ކޭސް ދޫކުރުމަށް 14 މަރުކަޒެއް ގާއިމުކޮށްފައިވާއިރު، މަސްދަޅު ކޭސް ހޯދުމަށް ބޭނުންވާ ޓޯކަން ލިބޭނީ ”ރޯދަ ހަދިޔާ އެމްވީ” ޕޯޓަލް މެދުވެރިކޮށެވެ.
ސިޓީސް މިނިސްޓްރީން ވަނީ ފަހު ވަގުތަށް މަޑުނުކޮށް، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ވީހާވެސް އަވަހަށް މަސްދަޅު ކޭސްތައް ބަލައި ދިޔުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ.




