މިދިޔަ އާދިއްތަ ދުވަހު ރާއްޖެއަށް ރެކޯޑު އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އެ ދުވަހު އެކަނިވެސް ރާއްޖެއަށް 10,462 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
މީގެ ކުރިން އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ރެކޯޑު އޮތީ މި މަހުގެ 1 ވަނަ ދުވަހުއެވެ. އެ ދުވަހު ރާއްޖެއަށް 10,253 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.
މި މަހުގެ ފުރަތަމަ 8 ދުވަހުގެ ތެރޭގައި ޖުމްލަ 70,801 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 8.8 އިންސައްތައިގެ ކުރިއެރުމެކެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ އަދަދު މިހާރު ވަނީ 295,589 އަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައި 279,915 ފަތުރުވެރިންނާ އަޅާބަލާއިރު 5.6 އިންސައްތަ އިތުރު އަދަދެކެވެ.
މިހާރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަނީ ޗައިނާއިންނެވެ. އެ ގައުމުން މިހާތަނަށް 37,304 ފަތުރުވެރިން އައިސްފައިވެއެވެ. ދެވަނައިގައި 35,304 ފަތުރުވެރިންނާއެކު ރަޝިއާ އޮތްއިރު، ތިންވަނައިގައި އޮތީ 30,045 ފަތުރުވެރިން ޒިޔާރަތްކުރި އިޓަލީވިލާތެވެ.
ނިމިދިޔަ އަހަރަކީ ރާއްޖެއަށް 2.2 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށް، ރެކޯޑު މިންވަރަކަށް ކުރިއެރުން ލިބުނު އަހަރެކެވެ. ސަރުކާރުގެ މި އަހަރުގެ އަމާޒަކީ 2.5 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމެވެ.



