ޔަހޫދީންގެ ނިރުބަވެރި ދައުލަތުގެ ރައީސް، އައިޒެކް ހަރޒޮގް އޮސްޓްރޭލިއާއަށް ކުރާ ދަތުރާ ގުޅިގެން، އެކަމާ ދެކޮޅަށް އެ ޤައުމުގެ އެތައް ހާސް ބަޔަކު މަގުތަކަށް ނުކުމެ ވަރުގަދަ މުޒާހަރާތަކެއް ކުރަން ފަށައިފިއެވެ.
އައިޒެކް ހަރޒޮގްގެ މި ދަތުރުކީ އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އެލްބަނީސްގެ ދަޢުވަތަކަށް ކުރާ ދަތުރެކެވެ.
ހަރޒޮގް އޮސްޓްރޭލިއާއަށް ދިޔައީ ބޮންޑައި ބީޗުގައި ދިން ޙަމަލާއެއްގައި ޔަހޫދީންތަކެއް މަރައިލުމުގެ ހިތާމަފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ. ނަމަވެސް، ފަލަސްޠީނުގެ ޙައްޤުގައި މަސައްކަތްކުރާ މަދަނީ ޖަމްޢިއްޔާތަކުން ވަނީ އޮސްޓްރޭލިއާގެ އެކި ކަންކޮޅުތަކުގައި މި ދަތުރާ ދެކޮޅަށް އަޑުއުފުލުމަށް ބޮޑެތި އިހުތިޖާޖުތަކެއް ރާވައި ހިންގަން ފަށާފައެވެ.
އިހުތިޖާޖުގެ ބައިވެރިން ޤަބޫލުކުރާ ގޮތުގައި، ހަރޒޮގްއަކީ ފަލަސްޠީނުގެ ޣައްޒާގައި ޔަހޫދީންގެ ނިރުބަވެރި ފައުޖުން ހިންގަމުންދާ ލާއިންސާނީ ޤަތުލުޢާންމުގެ މުހިންމު ބައިވެރިއެކެވެ. މީގެ އިތުރުން، މި ދަތުރަށް ފުރުޞަތު ދިނުމަކީ ޣައްޒާގައި ހިންގަމުންދާ ނަސްލުހޭދަކުރުމުގެ ޢަމަލުތަކަށް އޮސްޓްރޭލިއާގެ ސަރުކާރުން ވާގިވެރިވުން ކަމުގައިވެސް މުޒާހަރާގެ ބައިވެރިން ވަނީ ސިފަކޮށްފައެވެ.
މުޒާހަރާތައް ކުރިއަށްދާ ސަރަޙައްދުތަކުގައި ސަލާމަތީ ކަންކަން މިހާރު ވަނީ އިންތިހާއަށް ވަރުގަދަކޮށްފައެވެ. ބައެއް ސަރަޙައްދުތަކުގައި މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޚަބަރު ލިބޭ ގޮތުގައި މި ކުރިމަތިލުންތަކާ ގުޅިގެން ފުލުހުން ވަނީ މުޒާހަރާ ކުރަމުންދިޔަ މީހުންގެ ތެރެއިން ބަޔަކު ހައްޔަރުކޮށްފައެވެ.
އޮސްޓްރޭލިއާގެ ގިނަ ރައްޔިތުން ދަނީ ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޢުދުވާންތައް ހުއްޓާލުމަށާއި، އިސްރާއީލުގެ އިސްވެރިންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ.




