މާލޭގެ ފިހާރައަކުން ފަސް ފުޅި ކްރަމްޕީ ވަގަށް ނެގި މީހަކު އެއް މަސް ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި ހުކުމް އިއްވާފައިވަނީ ތ. ތިމަރަފުށި، ލަކީހައުސް، ސަފްވާން އަލީގެ މައްޗަށެވެ.
ސަފްވާންގެ މައްޗަށް ވައްކަމުގެ ދައުވާ އުފުލީ 8 ސެޕްޓެމްބަރު 2024 ވީ ދުވަހުގެ މެންދުރުފަހު 2:00 އެހާކަންހާއިރު، މާލޭގެ ރަސްރަނި ޓްރޭޑާސް ފިހާރައިން ވައްކަންކުރި މައްސަލައިގައެވެ. ދައުވާގައިވާ ގޮތުން އޭނާ ވަނީ އެ ފިހާރައިގެ ރެކުން ފަސް ފުޅި ކްރަމްޕީ ނަގައި، އޭނާ ގެންގުޅުނު ކަޅު ކޮތަޅަކަށް އެޅުމަށްފަހު ފައިސާ ނުދައްކައި ފިހާރައިން ނުކުމެގެން ދާން މަސައްކަތް ކޮށްފައެވެ.
މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ސަފްވާން ވަނީ ދައުވާއަށް އިއުތިރާފުވެފައެވެ. އޭނާ ކޯޓުގައި ބުނެފައިވަނީ ކްރަމްޕީ ފުޅިތައް ވަގަށް ނެގީ މަސްތުވާތަކެތި ގަތުމަށް ބޭނުންވާ ފައިސާ ހޯދުމުގެ ބޭނުމުގައި ކަމަށެވެ.
އަދަބާ ބެހޭގޮތުން ވާހަކަދައްކަމުން ދައުލަތުން ފާހަގަކުރީ މިއީ ޖިނާޔަތުގެ 3 ވަނަ ދަރަޖައިގެ ކުށެއް ކަމަށެވެ. މި ކުށަށް ކަނޑައެޅޭ އަސާސީ މިންގަނޑަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް، އޭނާ ކުށަށް އިއުތިރާފުވެފައިވާތީ، ގާނޫނުގައިވާ ގޮތުގެ މަތިން އަދަބުގެ ދަރަޖަ ވަނީ އެއް ދަރަޖަ ދަށްކޮށްފައެވެ.
ކޯޓުގެ ހުކުމުގައި ބުނެފައިވަނީ، ސަފްވާން މި މައްސަލައިގެ ތަހުގީގު މަރުހަލާގައި 22 ދުވަހާއި 18 ގަޑިއިރާއި 48 މިނެޓް ބަންދުގައި ހޭދަކޮށްފައިވާ ކަމަށެވެ.
އެހެންކަމުން، އެ މުއްދަތަކީ 23 ދުވަސް ކަމަށް ބަލައި، ހުކުމުން އެ ދުވަސްތައް އުނިކުރުމުން އޭނާ މިހާރު ޖަލުގައި ތަންފީޒު ކުރަން ޖެހޭނީ 13 ދުވަހުގެ ޖަލު އަދަބެއް ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.


