ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި ދޫކުރާ މަސްދަޅު ކޭސްތަކުގެ ތެރެއިން، މާލެ ސަރަހައްދުގެ ގޭބިސީތަކަށް ރޭގެ ނިޔަލަށް 46،147 މަސްދަޅު ކޭސް ބަހާފައިވާ ކަމަށްލޯކަލް ގަވަމެންޓް މިނިސްޓްރީން ހާމަކޮށްފިއެވެ.
މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ދޫކުރަމުން ދަނީ ރަޖިސްޓްރީ ކުރެވިފައިވާ ކޮންމެ ޑޮމެސްޓިކް މީޓަރަކީ ގޭބިސީއެއް ކަމަށް ބަލައިގެންނެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މާލެ ސަރަހައްދުގައި ޖުމްލަ 65،230 ޑޮމެސްޓިކް މީޓަރު ރަޖިސްޓްރީ ކުރެވިފައިވެއެވެ.
މަސްދަޅު ކޭސް ދޫކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވަނީ މިދިޔަ ޖަނަވަރީ މަހުގެ 24 ވަނަ ދުވަހުގެ ރެއެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ ލޯކަލް ގަވަމެންޓް މިނިސްޓްރީއާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައް ގުޅިގެންނެވެ. މާލެ ސަރަހައްދުގައި ޖުމްލަ 14 މަރުކަޒަކުން މަސްދަޅު ކޭސް ދޫކުރަމުންދާއިރު، ކޭސް ހޯދުމަށް ބޭނުންވާ ޓޯކަން https://roadhahadhiya.mv/dv ޕޯޓަލް މެދުވެރިކޮށް ލިބޭނެއެވެ.
މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތެރޭގެ ގިނަ ރަށްރަށުގައި ވެސް މިހާރު މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. ރަށްރަށުގައި މި މަސައްކަތް އިސްވެ ކުރިއަށް ގެންދަނީ އެ ރަށެއްގެ ރަށު ކައުންސިލްތަކުންނެވެ.
ލޯކަލް ގަވަމެންޓް މިނިސްޓްރީން ކަނޑައަޅާފައިވާ ގޮތުގައި މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ދޫކުރާނެ އެންމެ ފަހު ވަގުތަކީ މާދަމާ ރޭގެ 11:00 އެވެ. އެހެންކަމުން، ފަހު ވަގުތަށް މަޑުނުކޮށް ވީހާވެސް އަވަހަކަށް މަސްދަޅު ކޭހާ ހަވާލުވުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.



