ދަރުމަވަންތަ ހޮސްޕިޓަލުގައި ނާރުގެ ބަލިތަކާއި ސްޓްރޯކަށް ޚާއްޞަ ސެންޓަރު ”ނޭޝަނަލް ސެންޓަރ ފޮރ ނިއުރޯސައިންސް އެންޑް ސްޓްރޯކް“ ރަސްމީކޮށް ހުޅުވައިފިއެވެ.
މި ސެންޓަރުގެ ޚިދުމަތްތައް އިފްތިތާހުކޮށްދެއްވީ ދަރުމަވަންތަ ހޮސްޕިޓަލުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާޙިމް ޢަބްދުއްރައްޒާޤު ޙަލީމް އެވެ.
މި ސެންޓަރަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ބަޔާނުގައި ވައުދުވެވަޑައިގެންފައިވާ ފަދައިން، ރާއްޖޭގެ ޞިއްޙީ ދާއިރާ އައު ހަރުފަތަކަށް އުފުލުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ގާއިމުކުރެވުނު ތަނެކެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީއީއޯ އިބްރާޙިމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ، މި ސެންޓަރުގެ ސަބަބުން މުސްތަޤްބަލުގައި ރޮބޮޓިކް ޓެކްނޮލޮޖީ ފަދަ ޒަމާނީ ވަސީލަތްތަކާއެކު ސިކުނޑިއާއި މައިބަދައިގެ އޮޕްރޭޝަންތައް ކުރެވޭނެ ކަމަށެވެ. އަދި މުޅި ރާއްޖެ ގުޅާލެވޭ ވިއުގައެއް މެދުވެރިކޮށް، އަތޮޅުތަކުގައި ތިބޭ ސްޓްރޯކްގެ ބަލިމީހުންނަށްވެސް ހަލުވިކަމާއެކު ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ ނިޒާމެއް ގާއިމްވެގެންދާނެ ކަމަށް ހަލީމް ފާހަގަކުރެއްވިއެވެ.
މި ސެންޓަރުގައި ފަރުވާ ދިނުމުގައި ބޭނުންކުރާނީ މަލްޓި ޑިސިޕްލިނަރީ އެޕްރޯޗެއް ކަމަށް ޙަލީމް ވިދާޅުވިއެވެ.
މި ސެންޓަރުގެ މަސައްކަތް ފެށިގެންދާއިރު، ރާއްޖޭގެ ފުންނާބުއުސް ދިވެހި ތަޖުރިބާކާރުން ބަލިމީހުން ބައްލަވާނެއެވެ. އޭގެ ތެރޭގައި ރާއްޖޭގެ ފުރަތަމަ ނިއުރޮލިޖިސްޓް ޑރ. އަހުމަދު ރަޝީދު، ފުރަތަމަ ނިއުރޯ ސާރޖަން ޑރ. އަލީ ނިޔާފް އަދި ފުރަތަމަ ޕީޑިއަޓްރިކް ނިއުރޮލޮޖިސްޓް ޑރ. ސަމާހަތު ހިމެނިވަޑައިގަންނަވައެވެ.
މިއަހަރުގެ ތެރޭގައި ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗްގެ ޞިއްޙީ ޚިދުމަތްތައް އިތުރަށް ފުޅާކޮށް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ރޭވިފައިވާކަންވެސް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ވަނީ ހާމަކޮށްފައެވެ.



