ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްގީކޮށްފައިވާ އަމާން ޓަވަރުތައް ކައިރިއަށް ގަވައިދާ ހިލާފަށް ކުނި އުކަމުންދާ ބައެއް ފަރާތްތައް ޖޫރިމަނާކޮށްފައިވާ ކަމަށް އެ ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.
އެފްޑީސީން ބުނީ 4000 ހައުސިން ޔުނިޓްތަކުގެ އާންމު ސަރަހައްދުތަކާއި އިމާރާތްތަކުގެ ގްރައުންޑް ފްލޯ ހިމެނޭހެން ކަނޑައެޅިފައިވާ އުސޫލުތަކާ ހިލާފަށް ބައެއް ފަރާތްތަކުން ކުނި އުކަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އުސޫލުން ބޭރުން ކުނި ޖަމާކުރުމުގެ ސަބަބުން ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވެ، އާންމު ސިއްހަތާއި ސަލާމަތަށް ނުރައްކާވާފަދަ ހާލަތްތައް މެދުވެރިވަމުންދާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. މިއީ އެ ކުންފުނިން ކަނޑައަޅައި އާންމުކޮށްފައިވާ ކުނި އުކާލުމުގެ ގަވައިދާ ކަނޑައެޅިގެން ހިލާފު ކަމެއްކަން އެފްޑީސީން ފާހަގަކުރެއެވެ.
އެފްޑީސީން ބުނި ގޮތުގައި އިމާރާތްތަކުގެ ކޮރިޑޯތަކާއި ހިނގާ މަގުތަކުގެ އިތުރުން ޓަވަރުތަކުގެ ބޭރު ސަރަހައްދުތަކަށް ކުނި އެޅުމަކީ މަނާކަމެކެވެ.
”ގޭބިސީތަކުން އުފެދޭ ކުނި އުކާލަންވީ ހަމައެކަނި ގްރައުންޑް ފްލޯގައި ހުންނަ ގާބޭޖް ރޫމްތަކުގައި އެކަމަށް ހާއްސަކޮށްފައިވާ ކުނިވަށިތަކަށް. ޔުނިޓުތަކަށް އަލަށް ބަދަލުވާއިރު އުފެދޭ ފޮށިގަނޑާއި ފުޅިމަދު ފަދަ ތަކެތި އުސޫލުތަކާ އެއްގޮތަށް އުކާލުމަކީ އެ ޔުނިޓެއްގެ ވެރިފަރާތުގެ ޒިންމާއެއް،“ އެ ކޯޕަރޭޝަނުން ބުންޏެވެ.
ވީމާ ގަވައިދާ ހިލާފަށް ކުނި އުކާ ފަރާތްތަކާމެދު ފިޔަވަޅު އަޅައި، ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ޖޫރިމަނާ ކުރަމުންދާނެ ކަމަށް އެފްޑީސީއިން ބުންޏެވެ. އަދި މިހާރު ވެސް ބައެއް ފަރާތްތައް ޖޫރިމަނާކޮށްފައިވާކަން ފާހަގަކުރަމުން އެ ކުންފުނިން ވަނީ އިމާރާތާއި ދިރިއުޅޭ މާހައުލުގެ ސާފުތާހިރުކަން ދެމެހެއްޓުމަށްޓަކައި ހުރިހާ ފަރާތްތަކަކުން ވެސް އުސޫލުތަކަށް ބޯލެނބުމަށް އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން، އަމާން ޓަވަރުތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އެ ސަރަހައްދުގައި ޖަމާވެފައިވާ ކުނިތައް ނެގުމުގެ މަސައްކަތް ވެމްކޯއާ ގުޅިގެން ހުއްޓުމެއްނެތި ކުރަމުންދާ ކަމަށް އެފްޑީސީން ބުނެއެވެ.
މި މަސައްކަތުގެ ދަށުން އަމާން އުދަރެސް އަދި ދޯދީގެ ޖުމްލަ 32 ޓަވަރު ސާފުކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެފްޑީސީގެ އަމާޒަކީ އެ ކޯޕަރޭޝަނުން ތަރައްގީކުރާ ބޯހިޔާވެހިކަމުގެ މަޝްރޫއުތަކަކީ އަބަދުވެސް އަމާން، ރައްކާތެރި އަދި ސާފުތާހިރު ތަންތަނުގެ ގޮތުގައި ދެމެހެއްޓުން ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.




