ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަކީ ރާއްޖޭގެ ސިޔާސީ މައިދާނުން އެމްޑީޕީ ފުހެލުމަށް ރައްޔިތުންނަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ވިދާޅުވެއްޖެއެވެ.
ފަލާހް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ޓެރަރިޒަމްގެ ގާނޫނަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި އިސްލާހުގެ ބަހުސްގައި ވާހަކަދައްކަވަމުން ފަލާހް ވަނީ ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް އެންމެ ވޯޓެއްވެސް ނުދިނުމަށް ރައްޔިތުންނަށް ގޮވާލައްވާފައެވެ.
ފަލާހް ވިދާޅުވީ މިއީ އެމްޑީޕީ ރާއްޖެއިން ފުހެލުމަށް ލިބޭނެ މަދު ފުރުސަތުތަކުގެ ތެރެއިން ފުރުސަތެއް ކަމަށެވެ.
”ކުރިއަށް މި އޮތީ ދިވެހި ރައްޔިތުންނަށް އެމްޑީޕީ ދިވެހިރާއްޖެއިން ފުހެލުމަށް ލިބޭ ފުރުސަތެއް. ގިނަ ފުރުސަތެއް ނުލިބޭނެ. އެހެންވީމާ ހުރިހާ ބޭފުޅުން ނޯ ޖަހަންވީ.“ފަލާހް ވިދާޅުވިއެވެ.
މީގެ އިތުރުން ފަލާހް ވަނީ އެމްޑީޕީއަކީ ދީނާ ދުރު ޕާޓީއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. ފަލާހް ތުހުމަތު ކުރެއްވި ގޮތުގައި އެމްޑީޕީގެ މިދިޔަ ސަރުކާރުގައި އަޅަން ފެށި މިސްކިތްތަކުގެ މަސައްކަތްތައް ހުރީ ހުއްޓާލާފައެވެ.
އަދި އެ ޕާޓީގެ ދެ ވެރިކަން ނިމިގެން ދިޔައިރުވެސް އަލަށް ހުޅުވި މިސްކިތެއް ނެތް ކަމަށް ފަލާހް ވިދާޅުވިއެވެ.



