އިންޑިއާ ކަނޑުގެ ސަރަހައްދުގައި އޮންނަ މަޑަގަސްކަރަށް ބާރުގަދަ ތޫފާނެއް އަރައި، އެކި ސަރަހައްދުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
ތޫފާން ”ގެޒާނީ“ ގެ ނަމުން ނަން ދެވިފައިވާ މި ތޫފާނުގެ ސަބަބުން މިހާތަނަށް 9 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.
މަޑަގަސްކަރްގެ ކަމާބެހޭ އިދާރާތަކުން މައުލޫމާތު ދޭ ގޮތުގައި، މަރުވި މީހުން މަރުވެފައިވަނީ ތޫފާނުގެ ސަބަބުން އިމާރާތްތައް ވެއްޓި އޭގެ ދަށުވެގެންނެވެ. މީގެ އިތުރުން، މި ހާދިސާގައި 19 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ވެސް އެ އިދާރާތަކުން ހާމަކުރެއެވެ.
މި ތޫފާން ރޭގެ ވަގުތެއްގައި އެގައުމުގެ ޓޯމަސީނާ ސިޓީއަށް އަރާފައިވާއިރު، އެ ވަގުތު ވައިގެ ބާރުމިން ހުރީ ގަޑިއަކު 121 މޭލުގައެވެ. ނަމަވެސް އެގައުމުގެ މޫސުމާ ބެހޭ އިދާރާއިން ބުނެފައިވަނީ މިހާރު ވައިގެ ބާރުމިން ގަޑިއަކު 68 މޭލަށް ދަށްވެފައިވާ ކަމަށެވެ. އެހެންނަމަވެސް، ތޫފާނުގެ ސަބަބުން ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ނުރައްކާ އަދިވެސް އޮތް ކަމަށް އެ އިދާރާއިން ވަނީ އިންޒާރު ދީފައެވެ.
ތޫފާނާ ގުޅިގެން އެގައުމުގެ ބައެއް ސަރަހައްދުތަކަށް މިހާރު ވަނީ ރަތް އިންޒާރު ނެރެފައެވެ. އޭގެ ތެރޭގައި އަނަލަންޖިރޯފޯ، އަސްޓިނާނާ، އަލައޯޓްރާ މަންގޯރޯ، އަނަލަމަންގާ އަދި ބެސިބޮކާ ހިމެނެއެވެ.
އޭއެފްޕީ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ގިނަ ސަރަހައްދުތަކުން ފެންބޮޑުވެ، ކަރަންޓުގެ ހިދުމަތް ވެސް ވަނީ މެދުކެނޑިފައެވެ.
މަޑަގަސްކަރަށް ތޫފާން ”ގެޒާނީ“ މި އެރީ ތޫފާން ”ފައިޓިއާ“ އެގައުމަށް އެރިތާ 11 ދުވަސް ފަހުންނެވެ. ތޫފާން ފައިޓިއާގައި އެގައުމުގެ ހުޅަނގުއުތުރުން 12 މީހުން މަރުވެ، 31،000 އަށްވުރެ ގިނަ މީހުން ހާލުގައި ޖެހުނެވެ.



