ބްލޫމްބާރގް އިނީޝިއޭޓިވްގެ ގްރާންޓަސް ޕްރޮގްރާމުގެ ދަށުން އެހީއަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި ޕްރޮގްރާމަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ ”އިންޓަނޭޝަނަލް ޔުނިއަން އެގެއިންސްޓް ޓިއުބަރކުލޮސިސް އެންޑް ލަންގް ޑިސީސް“ (ޔޫނިއަން) އާއި ”ކެމްޕެއިން ފޯ ޓޮބޭކޯ ފްރީ ކިޑްސް“ ގުޅިގެން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.
”ބްލޫމްއިނީޝިއޭޓިވް ޓު ރެޑިއުސް ޓޮބޭކޯޔޫސް“ އަކީ ދުނިޔޭގެ ފެންވަރުގައި ހިލޭ އެހީ ދިނުމުގެ ތަފާތު ހަރަކާތްތަކަށް އެހީދެއްވާ މައިކަލް އާރ. ބްލޫމްބާރގެ ދީލަތީ އެހީގައި ހިންގާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މައިގަނޑު އަމާޒަކީ ފަޤީރު އަދި މެދުފަންތީގެ ޤައުމުތަކުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަދުކުރުމަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ވިދާޅުވި ގޮތުގައި، މިހާރު ހުޅުވާލާފައިވަނީ މި ޕްރޮގްރާމުގެ ދަށުން ކުރިއަށްގެންދާ ގްރާންޓްސް ޕްރޮގްރާމުގެ 39 ވަނަ ބުރެވެ. މި އެހީއަށް އެދި ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އެ ޕްރޮގްރާމުގެ ރަސްމީ ވެބްސައިޓު މެދުވެރިކޮށް އޮންލައިންކޮށް ހުށަހެޅުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.
މި ޕްރޮގްރާމުގެ ދަށުން އެހީ ދިނުމުގައި ބަލާނެ މިންގަނޑުތަކާ ގުޅޭގޮތުން އެޗްޕީއޭއިން ވިދާޅުވީ، އެ ހަރަކާތެއްގެ ސަބަބުން ދުންފަތް ކޮންޓްރޯލް ކުރުމުގެ ސިޔާސަތުތަކަށް ފާހަގަކޮށްލެވޭ ފަދަ ބަދަލުތަކާއި ކުރިއެރުންތައް ގެނައުމަށް އަމާޒުކޮށްފައިވާ ހުށަހެޅުންތަކަށް އިސްކަންދޭނެ ކަމަށެވެ. މީގެ އިތުރުން ދުންފަތުގެ ބާވަތްތައް އިޝްތިހާރު ކުރުން މަނާކުރުމާއި، އެފަދަ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ކުރެވޭ މަސައްކަތްތަކަށްވެސް އެހީ ލިބޭނެއެވެ.
ހަމައެއާއެކު، ދުންފަތުގެ ބާވަތްތަކުގެ އަގާއި ޓެކްސް ނެގުމަށް އެޅޭ ފިޔަވަޅުތަކާއި، ސާބިތު ހިފޭ ފަންނީ މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށްފައިވާ ހުށަހެޅުންތަކަށްވެސް މި ޕްރޮގްރާމުގެ ދަށުން ފުރުޞަތު އޮންނާނެއެވެ. އަދި އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ހުށަހެޅޭ ހުށަހެޅުންތަކަކީވެސް އިސްކަން ދެވޭނެ ދާއިރާތަކެއް ކަމަށް އެޗްޕީއޭއިން ފާހަގަކުރައްވައެވެ.
މި ޕްރޮގްރާމުގެ ދަށުން ހިލޭ އެހީއަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ މިމަހުގެ 25 ވާ ބުދަ ދުވަހެވެ.




