ޅ. ކުރެންދޫގައި ބިނާކުރި އައު މިސްކިތް ’މަސްޖިދުލް ސިއްދީޤް‘ ރަސްމީކޮށް ހުޅުވައިފިއެވެ.
މިއަދު މަޢްރިބް ނަމާދަށް މި މިސްކިތް ހުޅުވައިދެއްވީ އިސްލާމިކް މިނިސްޓްީގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރެވެ.
މިސްކިތް ހުޅުވުމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ކުރެންދޫ ކައުންސިލްގެ އިސްވެރިންނާއި، ރަށުގެ ރައްޔިތުން ވަނީ ބައިވެރިވެލައްވާފައެވެ.
700 މީހުންގެ ޖާގައިގެ މި މިސްކިތަކީ ދަޢުލަތުގެ ބަޖެޓުން 14 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ބިނާކޮށްފައިވާ މިސްކިތެކެވެ. މި މިސްކިތުގައި އޭސީ ހަރުކޮށްފައިވާއިރު، ސޯލާއިން މިސްކިތަށް ކަރަންޓު ދެވޭނެ ނިޒާމު ވަނީ ޤާއިމް ކުރެވިފައެވެ. އަދި ދެޖިންސުގެ ފަރާތްތަކަށް ވަކިން ނަމާދު ކުރެވޭނެ އަދި ވުޟޫކުރެވޭނެ އިންތިޒާމްވެސް ޤާއިމް ކުރެވިފައިވެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި، މި ރަމަޟާން މަހުގެ ކުރިން އިތުރު މިސްކިތްތަކެއް ހުޅުވުމަށްވެސް މިނިސްޓްރީން އަންނަނީ މަސައްކަތް ކުރަމުންނެވެ. މި ދައުރުގެ ތެރޭގައި އިސްލާމީ ދާއިރާއިން 90 މަޝްރޫޢު ކުރިއަށްދާކަން ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ބަޔާނުގައި ވަނީ ފާހަގަ ކުރައްވާފައެވެ.



