2026 ވަނަ އަހަރުގެ އެޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ރައްޔިތުން ހޭލުންތެރިކުރުވުމުގެ ގޮތުން ޚާއްޞަ އާއިލީ ހަވީރެއް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
”ވޯޓަށް ތައްޔާރު“ ގެ ނަމުގައި ބާއްވާ މި ހަވީރު އޮންނާނީ 2026 ފެބުރުވަރީ 13 ވާ ހުކުރު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ރުއްގަނޑު 3 (ގާޑިޔާ ސަރަހައްދު) ގައެވެ.
މި އިވެންޓުގެ މައިގަނޑު މަޤްޞަދަކީ ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ވޯޓުލުމަށް ރީ-ރަޖިސްޓަރީވުމުގެ ފުރުޞަތު ހުޅުވާލުމާ ގުޅިގެން، އެކަމުގެ މަޢުލޫމާތު ވީހާވެސް ގިނަ ބަޔަކަށް ފޯރުކޮށްދިނުމެވެ. މި ހަރަކާތުގައި އިލެކްޝަންސް ކޮމިޝަނުގެ އިތުރުން ދިވެހި ފުލުހުންގެ ޚިދުމަތް، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ބައިވެރިވާނެއެވެ.
އީސީއިން ބުނިގޮތުގައި، މި އާއިލީ ހަވީރުގެ ތެރެއިން އިންތިޚާބާ ގުޅޭ މަޢުލޫމާތު ދިނުމާއި، ކޮމިޝަނުން ފޯރުކޮށްދޭ އެކި ޚިދުމަތްތަކުގެ މަޢުލޫމާތު ފޯރުކޮށްދިނުން ކުރިއަށްދާނެއެވެ. އަދި އިންތިޚާބީ އޮފިޝަލުންނާއި ޓާސްކްފޯސް ވަޒީފާތަކަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތުތަކުގެ މަޢުލޫމާތު ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ކުޑަކުދިންނަށް ޚާއްޞަކޮށްގެން ގިނަ ހަރަކާތްތަކެއް މި ހަވީރުގައި ހިމެނެއެވެ. އޭގެ ތެރޭގައި ފޭސް ޕެއިންޓިންގ، ބަބުލް ހައުސް، ބައުންސީ ކާސްލް، އަދި ތަފާތު ކުޅިވަރުތައް ހިމެނެއެވެ. މީގެ އިތުރުން ވޯޓުލުމުގެ މަރުޙަލާ ދަސްކޮށްދޭ ”ވޯޓިންގ ޕްރޮސެސް“ހަރަކާތްތަކާއި ސްޓޭޖް ހަރަކާތްތައް ކުރިއަށްދާނެއެވެ. މި ހަރަކާތްތަކުގައި ބައިވެރިވާ ކުދިންނަށް އިނާމު ދިނުމަށް ވެސް ވަނީ ނިންމާފައެވެ.
ވޯޓުލާން ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނަކަށް ވޯޓުލާން ބޭނުންވާ ފަރާތްތަކަށް ރީ-ރަޖިސްޓަރީވުމުގެ ފުރުޞަތު 2026 ފެބުރުވަރީ 16 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 3:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ. ރީ-ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ އިލެކްޝަންސް ކޮމިޝަނުގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލް ނުވަތަ ’މައި ޕޯޓަލް‘ މެދުވެރިކޮށެވެ.
މިހާރު ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މަޢުލޫމާތު ސާފުކުރުމަށް 1414 އަށް ވީ އާރް ސްޕޭސް އައިޑީކާޑު ނަންބަރު ޖަހާފަ އެސް.އެމް.އެސް އެއް ފޮނުވުމުން އެ މަޢުލޫމާތު ލިބޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއެވެ.



