ރަޝިއާގައި ވަޓްސްއެޕް ބޭނުން ނުކުރެވޭ ގޮތް އެ ގައުމުގެ ސަރުކާރުން ހަދައިފިއެވެ.
މި ފިޔަވަޅާ ގުޅިގެން ވަޓްސްއެޕްގެ ބެލެނިވެރި ކުންފުނި، މެޓަ އިން ބުނީ މީގެ ސަބަބުން ރަޝިއާގައި އެ އެޕް ބޭނުން ކުރަމުން އައި 100 މިލިއަނަށް ވުރެ ގިނަ މީހުންނަށް މުއާސަލާތު ކުރުމުގެ ދޮރު އެއްކޮށް ބަންދުވީ ކަމަށެވެ.
މެޓަ އިން އިތުރަށް ބުނެފައިވަނީ ރަޝިއާގައި ވަޓްސްއެޕް ބޭނުން ނުކުރެވޭ ގޮތް ހެދުމަކީ ފަހަތަށް އެޅި ފިޔަވަޅެއް ކަމަށާއި، މީގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބޭނީ އެ ގައުމުގެ އާންމު ރައްޔިތުންނަށް ކަމަށެވެ. ނަމަވެސް، މި މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ދީފައެވެ.
ރަޝިއާގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި، ވަޓްސްއެޕް އެއްކޮށް މަނާކުރަން ޖެހުނީ އެ ގައުމުގެ އުސޫލުތަކަށް އެ އެޕް ފެއްތުމަށް އެންގި އެންގުމަށް އެކަށީގެންވާ އިޖާބައެއް ދީފައި ނުވާތީއެވެ.
މީގެ ކުރިން ވެސް ރަޝިއާ އިން ވަނީ އެ ގައުމުގެ ގަވާއިދުތަކަށް އަމަލު ނުކޮށްފި ނަމަ މިއަހަރުގެ ތެރޭގައި ވަޓްސްއެޕް ބްލޮކް ކުރާނެ ކަމުގެ އިންޒާރު މެޓަ އަށް ދީފައެވެ.
އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ހިންގާ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާ މެދު ރަޝިއާ އިން އަބަދުވެސް ހަރުކަށި އުސޫލުތަކެއް ގެންގުޅެއެވެ. ވަޓްސްއެޕްގެ އިތުރުން ޓެލެގްރާމަކީ ވެސް ރަޝިއާގައި ގިނަ ބަޔަކު ބޭނުންކުރާ އެޕެކެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ވަޓްސްއެޕް ބްލޮކް ކުރުމަށް ފަހު ރަޝިއާ އިން މިހާރު މަސައްކަތް ކުރަމުންދަނީ އެ ގައުމުގެ އަމިއްލަ އެޕެއް ކަމަށްވާ ”މެކްސް“ އިޝްތިހާރުކޮށް ކުރިއެރުވުމަށެވެ.



