ރޯދަވެރިޔާ ދޮގުހެދުމާއި އުރެދުމުން ދުރުހެލިނުވާ ނަމަ، ނުކައި ނުބޮއި ހުރި ކަމުގައި ވިޔަސް އެތައް ސަވާބަކުން މަހުރޫމްވާނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
”ރުއްސެވުމާއި ފުއްސެވުމުގެ މަހަށް މަރުޙަބާ“ މި މައުޞޫއަށް މިއަދު ދިން ހުތުބާގައި ވަނީ ރޯދައިގެ މަތިވެރިކަމާއި ރޯދައާ ގުޅޭ މުހިންމު ޝަރުޢީ ހުކުމްތަކުގެ މައްޗަށް އަލިއަޅުވާލާފައެވެ.
ހުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، ޝަރުޢީ ގޮތުން ރޯދައަކީ އެ ކަމަށް ނިޔަތްގަނެ، ފަޖުރުލީއްސުރެ އިރު އޮއްސިއްޖައުމަށް ދާންދެން ކެއުމާއި ބުއިމާއި ރޯދަގެއްލޭ އެންމެހައި ކަންކަމުން ދުރުހެލިވެގެން ހުރުމެވެ. ނަމަވެސް، ރޯދައިގެ ފުރިހަމަ ސަވާބު ލިބިގަތުމަށްޓަކައި ރޯދަވެރިޔާ އޭނާގެ ދުލާއި އެހެނިހެން ގުނަވަންތައް މުންކަރާތްތަކުން އެއްކިބާކުރަން ޖެހޭނެ ކަމަށް ހުތުބާގައި ބުންޏެވެ.
މިކަމުގެ ހެކި ދައްކަވަމުން ކީރިތި ރަސޫލާގެ ހަދީޘެއް ހުތުބާގައި ހަނދާންކޮށްދިނެވެ. އެކަލޭގެފާނު ހަދީޘްކުރައްވާފައިވާ ބަހެއްގެ މާނައިގައިވެއެވެ. ”ރޯދައަށް ހުރުމުން ހައިހޫނުކަން ފިޔަވައި، އެހެންކަމެއް ނުލިބޭ ކިތައްކިތައް ރޯދަވެރީން ވޭހެއްޔެވެ! އަދި ރޭއަޅުކަންކުރުމުން ނިދި ނަގައިލުމާއި ހޭލައިހުރުން ފިޔަވައި އެހެން ކަމެއް ނުލިބޭ ކިތައްކިތައް މީހުން ވޭހެއްޔެވެ!“
ރޯދަ ހިފުމުގެ ޝަރުޢީ ހުކުމްތަކަށް އަލިއަޅުވާލަމުން ހުތުބާގައި ބުނީ، ދަތުރުވެރިންނާއި ބަލިމީހުންނަށް ރޯދަ ދޫކޮށްލުމުގެ އިޚުތިޔާރު ލިބިގެންވާ ކަމަށެވެ. ދާއިމީ ބަލިމީހުންނާއި، ބަލި ފަސޭހަވާނޭ ކަމުގެ އުއްމީދެއް ނެތް މީހުން އަދި މުސްކުޅި ބަލީގެ ސަބަބުން ރޯދަ ނުހިފޭ މީހުން ކޮންމެ ދުވަހަކަށް މިސްކީނަކަށް ކާންދިނުމަށް (ފިދުޔަ ދިނުމަށް) ވަނީ އިރުޝާދު ދީފައެވެ.
މީގެ އިތުރުން، މާބަނޑު މީހުންނާއި ކިރުމައިންނަށް ވެސް، ރޯދަ ހިފުމުގެ ސަބަބުން އަމިއްލަ ނަފްސަށް ނުވަތަ ދަރިފުޅަށް ގެއްލުމެއް ލިބިދާނެ ހާލަތްތަކުގައި ރޯދަ ދޫކޮށްލުން ހުއްދަވާނެއެވެ.
ރޯދަ ގެއްލޭ ކަންކަމާ ގުޅޭގޮތުން ހުތުބާގައި ބުނީ، ކެއިންބުއިމުގެ އިތުރުން ހަށިގަނޑަށް ހަކަތަ ލިއްބައިދޭ އިންޖެކްޝަން ޖެހުމާއި، ޑަޔަލިސިސް ހެދުމުން ވެސް ރޯދަ ގެއްލޭނެ ކަމަށެވެ. މިފަދަ ހާލަތްތަކުގައި ރޯދަ ދޫކޮށްލާ މީހުން، ޝަރުޢީ އުޒުރު ނެތިދިއުމުން އެ ރޯދަތައް ފަހުން ގަޟާކުރަން ޖެހޭނެއެވެ. ނަމަވެސް، މުސްކުޅިޔަކު ކަމުގައި ވިޔަސް ޒުވާނަކު ކަމުގައި ވިޔަސް، ހަމަބުއްދި ނެތް މީހުންގެ މައްޗަށް ރޯދަހިފުން ވާޖިބުވެގެން ނުވާކަން ހުތުބާގައި ހަނދާންކޮށްދިނެވެ.
ޢުޒުރެއްނެތި ގަސްތުގައި ރޯދައެއް ދޫކޮށްފި މީހާ ފާފަވެރިވާނެ ކަމަށް ފާހަގަކުރަމުން ހުތުބާގައި ބުނީ، އެ މީހަކަށް އޮތީ އެ ކަމުން ތައުބާވުމާ އެކު އެ ރޯދަ ޤަޟާކުރުން ކަމަށެވެ.
ހުތުބާގައި އިތުރަށް ބުނީ، ފަރުޟުތައް އަދާކުރުމަށް ފަހު، ގޭތެރޭގައި ކުރަން ހުންނަ މަސައްކަތުގައި އެހީތެރިވާން ޖެހޭނެ ކަމަށެވެ. ވަކީން ޚާއްޞަކޮށް ރޯދަމަހު ވަކި ބަޔަކަށް ގޭތެރޭގެ މަސައްކަތް ދޫކޮށްލައި، ތިމާ އަޅުކަމުގައި ވަގުތު ހޭދަކުރުމަކީ ދީނުގައި އޮތް ގޮތެއްނޫންކަމަށެވެ. ގިނަގުނަ ދަރުމަހުރީ އެކަކު އަނެކަކަށް އެހީވުމުގައި ކަމަށް ބުންޏެވެ.
މީހުން ދިރިއުޅޭ ރަށްތަކުގައި ފަތުރުވެރީންނަށް ޚިދުމަތްދޭ ފަރާތްތަކުން މިކަމަށް ސަމާލުކަންދޭން ޖެހޭ ކަމަށާއި މިގޮތުން ހާމަކަން ބޮޑު ގޮތުގައި ރޯދަމަހުގެ ދުވާލު، މީހުން ދިރިއުޅޭ ރަށްތަކުގައި ރެސްޓޯރެންޓު ފަދަ ތަންތަން ހުޅުވައިގެން އާންމުންގެ ކުރިމަތީގައި ކެއިންބުއިމުގެ ޚިދުމަތްދިނުމަކީ ހުއްދަވާނޭކަމެއްނޫންކަމަށް ހުތުބާގައި ބުންޏެވެ.
ނިންމާލަމުން ހުތުބާގައި ގޮވާލާފައިވަނީ، ރަމަޟާން މަހަކީ އީމާންކަމާއި ތަޤުވާވެރިކަމުގެ މަސް ކަމަށްވާތީ، މަތިވެރި އަޚުލާޤާއި ތަރުބިޔަތުން ނަފްސުތައް ޒީނަތްތެރި ކުރުމަށެވެ.
ރޯދައަކީ އަޅާއާއި އޭނާގެ ވެރިރަސްކަލާނގެއާ ދެމެދު އޮތް ބޮޑު ސިއްރެއް ކަމަށާއި، ދެއްކުންތެރިކަމެއް ނެތި އިޚުލާޞްތެރިކަމާއެކު ހިފާ ރޯދައިގެ ސަވާބު އެހެން އަޅުކަންތަކަށްވުރެ ބޮޑުވެގެންވާ ކަމަށްވެސް ހުތުބާގައި ބަޔާންކުރިއެވެ.




