އިއްޔެ ބަންގްލަދޭޝްގައި ބޭއްވި އެ ގައުމުގެ 13 ވަނަ އާންމު އިންތިހާބުގައި ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އިން ހޯދި ބޮޑު ކާމިޔާބީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ދަންނަވައިފިއެވެ.
އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، ބަންގްލަދޭޝްގެ ގާނޫނު ހަދާ މަޖިލީހުގެ ޖުމްލަ 300 ގޮނޑީގެ ތެރެއިން 212 ގޮނޑި ކާމިޔާބުކޮށްފައިވަނީ ބީއެންޕީންނެވެ. އޭގެ ތެރޭގައި އެ ޕާޓީގެ ލީޑަރު ތާރިގް ރަހްމާން ވާދަކުރެއްވި ދާއިރާގެ ގޮނޑި ވެސް ހިމެނެއެވެ.
އެކްސް ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ބީއެންޕީން ހޯދި ކާމިޔާބީއާ ގުޅިގެން ތާރިގް ރަހްމާނަށް ހާއްސަ މަރުހަބާއެއް ދަންނަވާފައެވެ. ރައީސްގެ މެސެޖުގައި ރާއްޖެއާއި ބަންގްލަދޭޝާއި ދެމެދު އޮތް ޒަމާންވީ ގާތް ރަހުމަތްތެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
”ކުރިއަށް އޮތް އަހަރުތަކުގައި މި ގުޅުން އިތުރަށް ބަދަހިވެ، ވަރުގަދަ ވެގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް.“ ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އާ ހަރުފަތަކަށް ގެންދިއުމަށް އުންމީދު ކުރައްވާކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.
މިފަހަރުގެ އިންތިހާބުގައި 300 ގޮނޑިއަށް 2000 އާ ގާތްކުރާ އަދަދަކަށް ކެންޑިޑޭޓުން ވާދަކޮށްފައިވެއެވެ. ބީއެންޕީ ފިޔަވައި އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ ވާދަވެރި ޖަމާއަތު އިސްލާމީއެވެ.
އެ ޕާޓީއަށް 70 ގޮނޑި ލިބިފައިވާއިރު، ބާކީ ހުރި ގޮނޑިތައް ކާމިޔާބުކޮށްފައިވަނީ ކުދި ޕާޓީތަކާއި މިނިވަން ކެންޑިޑޭޓުންނެވެ.



