ކޭކު ޑިޒައިންކުރާ ފަންނުވެރިންގެ ބައިނައިލްއަޤްވާމީ އެވޯޑެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވައިފިއެވެ.
”ވޯލްޑް ކޭކް އަރޓިސްޓްރީ އެވަރޑްސް 2026″ގެ ނަމުގައި ބޭއްވި މި ޝަރަފުވެރި އެވޯޑު ޙަފްލާ ކުރިއަށްދިޔައީ ކުރުނބާ މޯލްޑިވްސްގައެވެ. މިއީ މިފަދަ ބައިނަލްއަޤްވާމީ ފަންނީ އެވޯޑެއް ރާއްޖޭގައި ބޭއްވުނު ފުރަތަމަ ފަހަރެވެ.
މި އެވޯޑު ހަފްލާގައި ދުނިޔޭގެ 40 އެއްހާ ޤައުމަކުން ކޭކު އެޅުމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ބައިވެރިވިއެވެ. މީގެ ތެރޭގައި ރާއްޖޭގެ މި ދާއިރާގައި ފާހަގަކޮށްލެވޭ 14 ފަންނުވެރިއަކުވެސް ވަނީ މި އެވޯޑަށް ވާދަކޮށްފައެވެ.
މި ހަފްލާ ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ހާރިސް މުޙައްމަދު ވިދާޅުވީ، މިފަދަ ހަރަކާތްތައް ރާއްޖޭގައި ބޭއްވުމަކީ ދިވެހި ފަންނުވެރިންގެ ފެންވަރު މަތިކުރުމަށް ލިބޭ ބޮޑު ބާރެއް ކަމަށެވެ. އަދި މިފަދަ ހަރަކާތްތަކުގެ ސަބަބުން ދިވެހި ކުދި ވިޔަފާރިތައް ބައިނަލްއަޤްވާމީ ވިއުގަތަކާއި ގުޅުވައިދޭނެކަންވެސް ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ސްޓޭޓް މިނިސްޓަރ އިތުރަށް ވިދާޅުވީ، ކާބޯތަކެތި ތައްޔާރުކުރުމުގެ ފަންނަކީ އިޤްތިސާދީ ކުރިއެރުމާއި، އަމިއްލަ މަސައްކަތްތެރިކަން ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކުރާ މަސައްކަތެއްގެ ގޮތުގައި މުޅި ދުނިޔޭގައިވެސް ބަލައިގަންނަމުންދާ ކަމަށެވެ. އަދި ރާއްޖޭގައި މި ދާއިރާއަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޮޑު ފުރުސަތުތަކެއް އޮތް، ދުނިޔޭގެ އުފެއްދުންތެރި އިޤްތިސާދުގެ މުހިންމު ބައެއްގެ ގޮތުގައި މިނިސްޓަރު ސިފަކުރެއްވިއެވެ.
މިފަހަރުގެ އެވޯޑަށް ކުރިމަތިލި ޤައުމުތަކުގެ ތެރޭގައި އޮސްޓްރޭލިއާ، ބްރެޒިލް، ކެނެޑާ، ޖަޕާން، ފްރާންސް، އިނގިރޭސިވިލާތް، އަދި ސަޢުދި ޢަރަބިއްޔާ ފަދަ ގިނަ ޤައުމުތަކެއް ހިމެނެއެވެ. މީގެ އިތުރުން އަވަށްޓެރި އިންޑިއާ، ސްރީލަންކާ އަދި ބަންގްލަދޭޝްގެ ފަންނުވެރިންވެސް މި މުބާރާތުގައި ބައިވެރިވެފައިވެއެވެ.
”ވޯލްޑް ކޭކް އާޓިސްޓްރީ އެވޯޑްސް 2026“ އަކީ ވިސިޓް މޯލްޑިވްސްއިން އެންޑޯޒް ކޮށްފައިވާ ހަރަކާތެކެވެ.


