ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި އައްޑޫ ސިޓީގެ އެކި ދާއިރާތަކަށް ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓުންގެ ޕޯސްޓަރުތަކަށް ބަޔަކު ގެއްލުންދީފިއެވެ.
މިކަން ހާމަކުރައްވައި، ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ސިނާން ވަނީ އެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ.
”ސައުވިސް“ ނޫހާ ވާހަކަ ދައްކަވަމުން ސިނާން ވިދާޅުވީ، އެ ޕޯސްޓަރުތަކަކީ މިއަދު ހަރުކުރުމަށް ކެމްޕެއިން ޓީމުން ރޭގައި ތައްޔާރު ކޮށްފައި ހުރި ޕޯސްޓަރުތަކެއް ކަމަށެވެ. އަދި މިއަދު ހުކުރުން ފައިބައިގެން ދޭއް ޖަހާކަންހާއިރު ކެމްޕެއިން ޓީމުން ބެލިއިރު، ބަހައްޓާފައި ހުރި ގިނަ ޕޯސްޓަރުތައް ވަނީ ވައްޓާލައި ގެއްލުންދީފައި ކަމަށް ސިނާން ވިދާޅުވިއެވެ.
މީގެ ތެރޭގައި މަރަދޫ އަދި ފޭދޫ ސަރަހައްދުގައި ހަރުކޮށްފައި ހުރި ޕޯސްޓަރުތައް ހިމެނޭކަން ސިނާން ފާހަގަކުރެއްވިއެވެ.
ޕޯސްޓަރުތަކަށް ގެއްލުންދީފައިވާ ގޮތުގެ ތަފްސީލު ހިއްސާކުރައްވަމުން ސިނާން ވިދާޅުވީ، ހިތަދޫގައި ބަހައްޓާފައި ހުރި ޕޯސްޓަރުތައް ހުރީ ތޫނު އެއްޗަކުން ކަފާލާފައި ކަމަށެވެ. އަދި ފޭދޫގައި ހަރުކޮށްފައި ހުރި ޕޯސްޓަރުތަކަށް ކަޅުތެޔޮ ޖަހައި ބޭނުންނުކުރެވޭ ވަރު ކޮށްލާފައިވާ ކަމަށްވެސް ސިނާން ވިދާޅުވިއެވެ.
މިއީ ޑިމޮކްރެޓިކް ނިޒާމެއްގެ ތެރެއިން ކެމްޕެއިން ކުރަމުންދާއިރު އެއްވެސް ފަރާތަކުން ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ވިދާޅުވަމުން ސިނާން ވަނީ އެއަމަލު ހަރުކަށި އިބާރާތުން ކުއްވެރިކުރައްވާފައެވެ.




