މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ހޯދުމަށް ކުރިއަށްގެންދާ ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫޢު، އެއްފަހަރާ ދެ ޑްރެޖަރު ބޭނުންކޮށްގެން ބާރު ދުވެލީގައި ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިދިޔަ މަހުގެ 30 ވަނަ ދުވަހު ފެށި މި މަސައްކަތަކީ މާލެ ސަރަޙައްދުގައި މިހާރު ކުރިއަށްދާ ބިންހިއްކުމުގެ މަޝްރޫޢުތަކުގެ ތެރެއިން އެންމެ އަވަހަށް ނިންމުމަށް އަމާޒުހިފާފައިވާ މަޝްރޫޢެވެ.
ގިރާވަރުފަޅުން ޖުމުލަ 167.15 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، އެމްއޭސީއެލްއިން މިދިޔަ މަހު ހިއްކަން ފަށާފައިވަނީ ނުހިއްކާ އޮތް 97.15 ހެކްޓަރުގެ ބިމެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި ދެ ޑްރެޖަރު ބޭނުންކޮށްގެން މަސައްކަތް ކުރިއަށް ގެންދިއުމުގެ ސަބަބުން، ބިން ހިއްކުމުގެ މަސައްކަތް ކުރިން އަންދާޒާކުރި ވަރަށްވުރެ ބޮޑަށް އަވަސްވެގެންދާނެއެވެ.

މި މަޝްރޫޢުގެ ދަށުން މިހާތަނަށް ތިން ފިޔަވައްސަކަށް ބަހާލައިގެން ބިން ހިއްކުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި 12 ހެކްޓަރު، ދެވަނަ ފިޔަވަހީގައި 18 ހެކްޓަރު އަދި ތިންވަނަ ފިޔަވަހީގެ ދަށުން 26 ހެކްޓަރުގެ ބިން ވަނީ ހިއްކާ ނިންމާފައެވެ. ކުރިއަށް އޮތް މަރުޙަލާގައި ހިއްކުމަށް ހަމަޖެހިފައިވަނީ ފަޅުގެ ނިސްބަތުން ވަރަށް ފުން ސަރަޙައްދުތަކެއް ކަމަށް އީއައިއޭ ރިޕޯޓުން ދައްކައެވެ.
ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލުތަކާއެކު، އެތަނުން ގޯތި ލިބުނު ފަރާތްތަކުގެ މެދުގައި އަލުން ގުރުނެގުން ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ސަރުކާރުން ވަނީ މި މަޝްރޫޢަށް އިތުރު 113 ހެކްޓަރު އިތުރުކޮށް، އަސާސީ ޚިދުމަތްތަކަށް ބޭނުންވާ ޖާގަ ހިމެނޭހެން އައު ޕްލޭނެއް އެކުލަވާލާފައެވެ.
ގިރާވަރުފަޅުން ޖުމުލަ 4،072 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ.
ގިރާވަރުފަޅުން ދޫކުރާ ގޯތިތަކުގެ ތަފްޞީލް:
- 1250 އަކަފޫޓުގެ 2605 ގޯތި
- 1650 އަކަފޫޓުގެ 1213 ގޯތި
- 2050 އަކަފޫޓުގެ 253 ގޯތި
- 2450 އަކަފޫޓުގެ 1 ގޯތި
ކުރީގެ ސަރުކާރުން މި މަޝްރޫޢު ފެށިއިރު އެކަށީގެންވާ ލޭންޑް ޔޫސް ޕްލޭނެއް ނެތުމުގެ ސަބަބުން، އަސާސީ ޚިދުމަތްތަކަށް ބޭނުންވާ ޖާގަ ކަނޑައެޅިފައި ނުވާކަން މި ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.




