މަޝްހޫރު ދީނީ އިލްމުވެރިޔާ، ޝެއިޚް އިބްރާހިމް ފަރީދުގެ ހަނދާނުގައި ހުޅުމާލޭގައި މިސްކިތެއް ބިނާކުރުމަށް ނިންމައި، އެ މަޝްރޫއަށް އެހީތެރިވުމުގެ ފުރުސަތު ޚިދުމަތް ޖަމިއްޔާއިން އާންމުކޮށް ހުޅުވާލައިފިއެވެ.
ހުޅުމާލެ ފޭސް 3 ގައި ބިނާކުރުމަށް ހަމަޖެހިފައިވާ މި މިސްކިތަކީ 2,500 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ދެ ބުރީގެ އިމާރާތެކެވެ.
ޚިދުމަތް ޖަމިއްޔާއިން ބުނި ގޮތުގައި، މި މިސްކިތުގެ އެތެރެ ފަރުމާކުރާނީ މަލްޓި ޕާޕަސް ހޯލެއް ހިމެނޭ ގޮތަށް ދީނީ އެކި ހަރަކާތްތައް ކުރިއަށް ގެންދެވޭ ގޮތަށެވެ.
މި މިސްކިތުގައި ޤުރުއާން ކުލާސްތަކާއި ޙިފްޒު ކްލާސްތަކުގެ އިތުރުން، ދީނީ ސެމިނާތަކާއި މުހިންމު ބައްދަލުވުންތަކާއި ޤުރުއާން މުބާރާތްތަކާއި މަދަޙަ މުބާރާތްތައް ބޭއްވޭނެ ފަދަ ފުރިހަމަ އިންތިޒާމުތައް ހިމެނޭނެ ކަމަށް އެ ޖަމިއްޔާއިން މައުލޫމާތު ދެއެވެ.
މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި އިސްލާމިކް މިނިސްޓްރީއާއެކު އެމްއޯޔޫގައި ސޮއިކުރުމުގެ ތައްޔާރީތައް މިހާރު ދަނީ ވަމުންނެވެ.
ޚިދުމަތް ޖަމިއްޔާއިން ފުރަތަމަ ނިންމީ ޝެއިޚް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި މިސްކިތެއް އެޅުމަށެވެ. އެ މިސްކިތް އެޅުމަށް ބޭނުންވާ 760,000 ރުފިޔާ ވަނީ ދީލަތި އެހީތެރިންގެ ފަރާތުން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ލިބިފައެވެ. އެ ޖަމިއްޔާއިން ބުނީ ބަންގްލަދޭޝްގައި އަޅާ މިސްކިތް ކުރިއަށް އޮތް ރޯދަ މަހު ހުޅުވޭނެ ކަމަށެވެ.
ހުޅުމާލޭގައި ބިނާކުރާ ބޮޑު މިސްކިތުގެ މަސައްކަތަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކަށް ޚިދުމަތް ޖަމިއްޔާގެ ”މިސްކިތު ފަންޑު“ އަށް ފައިސާ ޖަމާކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އެހީތެރިވުމަށް ފައިސާ ޓްރާންސްފާ ކުރާނީ ތިރީގައިވާ އެކައުންޓަށެވެ:
އެކައުންޓް ނަމްބަރު: 7770000141496 (ދިވެހި ރުފިޔާ)
ޝެއިޚް އިބްރާހިމް ފަރީދު ކުއްލި ގޮތަކަށް ނިޔާވީ މިދިޔަ ޖޫން މަހުގެ 9 ވަނަ ދުވަހު، އިސްލާމީ ދައުވަތާ ގުޅުންހުރި ކޮންފަރެންސެއްގައި ބައިވެރިވެވަޑައިގަތުމަށް މެލޭޝިއާއަށް ވަޑައިގެން އެއާޕޯޓުގައި ހުންނަވަނިކޮށެވެ.
ޝެއިޚްގެ ޖަނާޒާ މެލޭޝިއާގައި ބޭއްވި ނަމަވެސް، ވަކިވެދިއުމުގެ ހިތާމައިގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަނީ ޣައިބަށް ކަށުނަމާދު ކޮށްފައެވެ.



