ދިވެހިބަހުގެ އެކެޑަމީން އިންތިޒާމުކޮށްގެން ބާއްވާ ފޮތް މައުރަޒެއް އައްޑޫ ސިޓީ މަރަދޫގައި މިއަދު ހުޅުވައިފިއެވެ.
މި މައުރަޒު ރަސްމީކޮށް ހުޅުއްވައިދެއްވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓަރު އާދަމް ނަޞީރު އިބްރާހީމެވެ.
މި މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން މިނިސްޓަރު ވަނީ އައްޑޫ ސިޓީގެ ހިރާ ސްކޫލުން އުފައްދާފައިވާ ”ބަސްފިލާ“ ނެރެދެއްވައިފައެވެ. މިއީ ދިވެހި ބަހަށް ލޯބިކުރާ ފަރާތްތަކުގެ ބަސްކޮށާރު މުއްސަނދިކުރުމުގެ މަގުސަދުގައި ތައްޔާރުކޮށްފައިވާ ބަސްފިލާއެކެވެ.
މިނިސްޓަރު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅަކީ މިއަހަރުގެ ޅެންވެރީންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
ޅެންވެރީންގެ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 20:30 ގައި އައްޑޫ ސިޓީ ހިތަދޫގައެވެ.
މި ދަތުރުފުޅުގެ ތެރެއިން މިނިސްޓަރު ވަނީ މިއަހަރުގެ ޅެންވެރީންގެ ދުވަސް ތަޚްޞީޞްކުރެވުނު އައްޑޫ ސިޓީ ހިތަދޫ ކެމީ، ޙަސަން ލަބީބާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ޙަސަން ލަބީބުގެ އަދަބީ ޖަމުޢިއްޔާ ކަމަށްވާ ”ޝާއިރުންގެ ވާދީ“ ގެ ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ޅެންވެރީންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޅެންވެރިކަމުގެ ފަންނު ކުރިއެރުވުމަށާއި، ޅެންވެރީންގެ މެދުގައި މަޢުލޫމާތު ބަދަލުކުރުމަށް ”ޅެންވެރީންގެ ގުންޒަރު” ގެ ނަމުގައި ޚާއްޞަ ހަރަކާތެއްވެސް ވަނީ ބާއްވާފައެވެ. އައްޑޫ ސިޓީގެ ޅެންވެރީންނާއި ޅެންވެރިކަމަށް ލޯބިކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ބޭއްވި މި ހަރަކާތުގައި ޅެމާއި ބަނދި ފަދަ އަދަބީ އައިޓަމްތައް ހުށަހަޅައިދީފައިވެއެވެ.




