ކުރިއަށް އޮތް ރޯދަމަހު ކޮންމެ ގެއެއްގެ ކަރަންޓު ބިލު 400 ރުފިޔާއަށް ވުރެ ބޮޑު ނުވާ ގޮތަށް ތައްޔާރުކުރުމަށްޓަކައި ރީޑިން ނެގުމުގެ މަސައްކަތް މި ހަފްތާގައި ފަށާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން މާލޭގެ އާޓިފިޝަލް ބީޗު ސަރަހައްދުގައި މިދިޔަ ނޮވެމްބަރުގައި ބޭއްވި ބޮޑު ޖަލްސާގައި ރައީސް ވަނީ ރޯދަމަހު ކޮންމެ ޑޮމެސްޓިކް ބިލަކަށް ނަގާނީ ގިނަވެގެން 400ރ. ކަމަށް ވިދާޅުވެފައެވެ.
ސްޓެލްކޯއިން ބުނި ގޮތުގައި ރައީސް ވިދާޅުވިގޮތަށް 400 ރުފިޔާއަށް ވުރެ ބޮޑު ނުވާ ގޮތަށް ރޯދަ މަހަށް ވަކިން ބިލު ހެދުމަށްޓަކައި ރީޑިން ނެގުމުގެ މަސައްކަތް މި މަހުގެ 16 އަދި 17 ވަނަ ދުވަހު އެ ކުންފުނީގެ މުވައްޒަފުން ކުރިއަށް ގެންދާނެއެވެ.
އެހެންކަމުން، ގޭގެއަށް ރީޑިން ނަގަންދާ މުވައްޒަފުންނަށް ފުރިހަމަ އެއްބާރުލުން ދިނުމަށް އެ ކުންފުނިން ވަނީ އާންމުންގެ ކިބައިން އެދިފައެވެ.
މިދިޔަ ރޯދަމަހު ވެސް ސަރުކާރުން ވަނީ ކަރަންޓާއި ފެން ބިލުން އާންމުންނަށް ލުއިތަކެއް ދިނުމުގެ ގޮތުން ޑިސްކައުންޓު ދީފައެވެ. އެ ފަހަރު ވެސް ޑިސްކައުންޓު ދިނުމަށްޓަކައި ސްޓެލްކޯއިން ވަނީ ވަކި ބިލެއް ތައްޔާރުކޮށް ގޭގެއަށް ފޮނުވާފައެވެ.




