މަސް ދޯންޏެއްގައި އަލިފާން ރޯވެގެން އަޑިއަށްދިއުމާއި ގުޅިގެން ބައެއް ތަކެތި އޮޔާ ދާތީ، ދަތުރުވެރިން ސަމާލުވުމަށް އެމްއެންޑީއެފްއިން އިލްތިމާސްކޮށްފިއެވެ.
އެމްއެންޑީއެފުން ބުނީ، 15 މީހުންނާ އެކު ކ. ދޫނިދޫ ކައިރިން ދަތުރުކުރަމުންދިޔަ ”ފްރެޝް ފްރޮމް ދަ ސީ“ ނަމަކަށް ކިޔާ ކަންކެލި މަސްވެރިކަން ކުރާ ދޯންޏެއްގައި އަލިފާން ރޯވެގެން އަޑިއަށްދިޔުމުން މި ބޯޓާއި ބޯޓުގައި ހުރި ބައެއް ތަކެތި ކ.ދޫނިދޫގެ ހުޅަނގު އުތުރުން 0.38 ނޯޓިކަލް މޭލުން އޮޔާ ދާތީ، ދަތުރުވެރިން ސަމާލުކަން ދިނުމަށް އިލްތިމާސްކުރާ ކަމަށެވެ.
މި ތަކެތި އޮޔާދާ ކަމަށް ލަފާކުރެވެނީ ހާދިސާގައި ދޯނި އަޑިއަށްދިޔަ ސަރަޙައްދުން ފެށިގެން ދެކުނަށް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ދަތުރުކުރާ ފަރާތްތަކުން މި ކަމަށް ސަމާލުކަން ދިނުމަށާއި އަދި ޚާއްސަކޮށް މި ސަރަހައްދުން ރޭގަނޑު ދަތުރުކުރާނަމަ މިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފްއިން އެދިފައިވެއެވެ.



