ހދ. ކުޅުދުއްފުށި ސިޓީގައި އިމިގްރޭޝަންގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ޤާއިމުކޮށްފައިވާ އައު ރީޖަނަލް އޮފީސް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.
މި އޮފީސް ރަސްމީކޮށް ހުޅުއްވައިދެއްވީ ޑެޕިއުޓީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އަޙްމަދު އަޝްފާންއެވެ.
މިއަދު ހެނދުނު ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑެޕިއުޓީ ކޮންޓްރޯލަރ ޖެނެރަލް އަޙްމަދު އަޝްފާން ވިދާޅުވީ، މި އައު އޮފީހާއެކު އެ ސިޓީގައި މަސައްކަތް ކުރާ އޮފިސަރުންނަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ޙައްލެއް ލިބިގެންދާނެ ކަމަށެވެ.

އަދި މީގެ ސަބަބުން މަސައްކަތުގެ މާޙައުލަށް ބޮޑު ކުރިއެރުމެއް އަންނާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
މި އޮފީސް ޤާއިމުކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ އެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް އިމިގްރޭޝަންގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އިތުރު ލުއިފަސޭހަތަކެއް މަގުފަހިކޮށްދިނުމެވެ. މީގެ ސަބަބުން ޚިދުމަތުގެ ފެންވަރު ރަނގަޅުވެ، ރައްޔިތުންނަށް އަވަސް ޚިދުމަތެއް ލިބޭނެ ކަމަށް އިމިގްރޭޝަނުން މަޢުލޫމާތުދެއެވެ.

އިމިގްރޭޝަނުން އަންނަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޚިދުމަތް ފުޅާކުރަމުންނެވެ. އެގޮތުން މިދިޔަ އަހަރުގެ އޮގަސްޓް 12 ވަނަ ދުވަހު ބ. އޭދަފުށީގައި އިމިގްރޭޝަންގެ އޮފީހެއް ޤާއިމުކޮށްފައިވާއިރު، މިދިޔަ އަހަރުގެ ތެރޭގައި އދ. އަތޮޅުގައިވެސް ވަނީ އިމިގްރޭޝަން އޮފީހެއް ޤާއިމުކޮށްފައެވެ.
މިއަދު ކުޅުދުއްފުށީގައި ހުޅުވި މި އޮފީހާއެކު، ރާއްޖޭގައި އިމިގްރޭޝަންގެ ރީޖަނަލް ދެ އޮފީސް މިހާރު ހުންނާނެއެވެ. ކުޅުދުއްފުށީގެ އިތުރުން ރާއްޖޭގެ ދެކުނުގައި އިމިގްރޭޝަންގެ ރީޖަނަލް އޮފީހެއް ހިންގަމުންދަނީ އައްޑޫ ސިޓީ ހިތަދޫގައެވެ.



