ދުވާލެއްގެ މައްޗަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރި އަދަދުގެ ރެކޯޑް މި މަހުގެ ތެރޭގައި ތިންވަނަ ފަހަރަށް މުގުރާލައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، އިއްޔެ އެކަނި ރާއްޖެއަށް 11،136 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
މި މަހުގެ ތެރޭގައި އެންމެ ފުރަތަމަ މި ރެކޯޑް މުގުރާލާފައިވަނީ މި މަހުގެ އެއްވަނަ ދުވަހުއެވެ. އެ ދުވަހު ރާއްޖެއަށް 10،253 ފަތުރުވެރިން އައިސްފައިވެއެވެ. އޭގެ ހަފްތާއެއް ފަހުން، 10،462 ފަތުރުވެރިންނާއެކު މި ރެކޯޑް ވަނީ ދެވަނަ ފަހަރަށް އައުކޮށްފައެވެ. ނަމަވެސް އިއްޔެ އައި ފަތުރުވެރިންގެ އަދަދާއެކު މިވަނީ މިހާތަނަށް ދުވާލެއްގެ މައްޗަށް އެންމެ ގިނަ ފަތުރުވެރިން އައި ރެކޯޑް އަނެއްކާވެސް އައުވެފައެވެ.
ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުގައި، އިއްޔެގެ ނިޔަލަށް މިއަހަރު ރާއްޖެއަށް ޖުމްލަ 349،990 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 7.6 އިންސައްތައިގެ ކުރިއެރުމެކެވެ.
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިން ތިބި ތަންތަނަށް ބަލާއިރު، އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން މިހާތަނަށް އައިސްފައި ވަނީ ރިސޯޓުތަކަށެވެ. އެގޮތުން ރިސޯޓުތަކަށް ދެ ލައްކައަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވާއިރު، ގެސްޓްހައުސްތަކަށް އިއްޔެގެ ނިޔަލަށް 94،234 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.



