މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް އާމްދަނީގެ ގޮތުގައި 4.4 ބިލިއަން ރުފިޔާ ބަލައިގަނެފިއެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއާ އަޅާބަލާއިރު 33.1 އިންސައްތަ އިތުރު އަދަދެކެވެ. ނަމަވެސް، މިއީ އެ މަހު ލިބޭނެ ކަމަށް އަންދާޒާކުރި އާމްދަނީއަށްވުރެ 4.6 އިންސައްތަ ދަށް އަދަދެއްކަން މީރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މިދިޔަ މަހުގެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ބޭންކް ޕްރޮފިޓް ޓެކްސް، ބިން ބަދަލުކުރުމުގެ ފީ (ލޭންޑް އެކުއިޒިޝަން ފީ އަދި ކޮންވާޝަން ފީ) އަދި ފަތުރުވެރިކަމުގެ ދާއިރާގެ ޖީ.އެސް.ޓީ (ޓީ.ޖީ.އެސް.ޓީ) އިތުރުވުން ހިމެނެއެވެ. މީގެ އިތުރުން، 2024 ވަނަ އަހަރުގެ ޑިސެމްބަރާ އަޅާބަލާއިރު 2025 ޑިސެމްބަރުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 7.4 އިންސައްތަ އިތުރުވުމަކީ ޓީ.ޖީ.އެސް.ޓީ އާއި ގްރީން ޓެކްސް އަދި އެއާޕޯޓް ޓެކްސްތަކުން ލިބުނު އާމްދަނީއަށް ހެޔޮ ބަދަލެއް އައި ސަބަބެކެވެ.
މީރާއިން ފާހަގަކުރި ގޮތުގައި މި މުއްދަތަކީ އިންކަމް ޓެކްސްގެ އިންޓަރިމް ޕޭމަންޓް ދައްކަންޖެހޭ ދުވަސްވަރު ކަމަށްވުމުން، ބޭންކް ޕްރޮފިޓް ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
މީރާއަށް މިދިޔަ މަހު ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީ އެވެ. ޖީ.އެސް.ޓީގެ ގޮތުގައި 1.79 ބިލިއަން ރުފިޔާ ލިބުނުއިރު، އެއީ ޖުމްލަ އާމްދަނީގެ 40.4 އިންސައްތައެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ އާމްދަނީ އިން ނަގާ ޓެކުހުންނެވެ. އެއީ 1.54 ބިލިއަން ރުފިޔާ އެވެ.
އެހެނިހެން ދާއިރާތަކުން ލިބުނު އާމްދަނީއަށް ބަލާއިރު، ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީގެ ގޮތުގައި 271.44 މިލިއަން ރުފިޔާ، ގްރީން ޓެކުހުގެ ގޮތުގައި 221.80 މިލިއަން ރުފިޔާ، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 188.85 މިލިއަން ރުފިޔާ އަދި ޑިޕާޗާ ޓެކުހުގެ ގޮތުގައި 180.79 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
ޖެނުއަރީ މަހު ބަލައިގަނެފައިވާ ޖުމްލަ އާމްދަނީގެ ތެރޭގައި 180.42 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށްވެސް މީރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.



