މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ އެގްޒެކެޓިވް ބޯޑުގެ ޗެއަރޕާސަންގެ މަޤާމަށް މަޝްހޫރު ވިޔަފާރިވެރިޔާ ޙުސައިން އަފީފް އިންތިޚާބުކޮށްފިއެވެ.
އަފީފް މި މަޤާމަށް އިންތިޚާބުކޮށްފައިވަނީ ކުރުނބާ މޯލްޑިވްސްގައި ބޭއްވި މަޓީގެ 36 ވަނަ އަހަރީ ޢާއްމު ޖަލްސާގައެވެ.
މި ޖަލްސާގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ވުޒާރާތަކާއި، އިދާރާތަކުގެ އިތުރުން އެކި ކުންފުނިތަކުގެ 112 މެންބަރުންނާއި މުހިންމު ހިއްސާދާރުން ބައިވެރިވެފައިވެއެވެ.
ޖަލްސާ ފައްޓަވައިދެއްވަމުން ދެއްކެވި ވާހަކަފުޅުގައި، ޗެއަރމަން ޙުސައިން އަފީފް ވަނީ ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް މަޓީން އަދާކޮށްފައިވާ މުހިންމު ދައުރަށް އަލިއަޅުއްވާލައްވާފައެވެ. އަދި ކުރިއަށް އޮތް ދައުރުގައި މަޓީގެ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށް ނިންމާފައިވާކަން އަފީފް ފާހަގަކުރެއްވިއެވެ.
މަޓީއަކީ، ރާއްޖޭގެ ރިސޯޓްތައް ތަމްސީލްކުރާ މައި ޖަމްޢިއްޔާއެވެ. މިޖަމްޢިއްޔާގެ މެމްބަރުން ޙިއްސާވާ ރިސޯޓުތަކުގެ އަދަދު އުޅެނީ ސަތޭކަ ވިއްސަށްވުރެ މަތީގައެވެ.




