ރާއްޖޭގެ ހަ ރަށެއް ފިޔަވައި ހުރިހާ ރަށެއްގައި ސަރުކާރުން ދޭ ރޯދަ ހަދިޔާ ބަހާ ނިމިފައިވާ ކަމަށް ލޯކަލް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިކަން ހާމަކުރެއްވީ ސަރުކާރުން ކޮންމެ ގޭބިސީއަކަށް ހަދިޔާކުރާ މަސްދަޅު ކޭސްތައް ބެހުމުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިނިސްޓަރު ވިދާޅުވީ 6 ރަށް ފިޔަވައި ހުރިހާ ރަށެއްގައި މިހާރު ވަނީ ރޯދަ ހަދިޔާ ބަހާ ނިމިފައި ކަމަށެވެ. އަދި މި މަސައްކަތުގެ ތެރެއިން ރަށްރަށުގައި ދިރިއުޅޭ މީހުންގެ ގޭބިސީ ލިސްޓެއް އަދާހަމަކޮށް ބެލެހެއްޓުމުގެ މުހިންމުކަން ފާހަގަކުރެވިފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އަތޮޅުތެރޭގެ ރަށްރަށުގައި މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އެ ރަށެއްގެ ކައުންސިލްތަކުންނެވެ.
މާލެ ސަރަޙައްދުގައި ރޯދަ ހަދިޔާ ދޫކުރުމުގެ މަސައްކަތް މިދިޔަ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހު ފަށައި، ފެބުރުއަރީ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ނިންމާލާފައެވެ. އެކި ސަބަބުތަކާހުރެ މަސްދަޅު ކޭހާ ހަވާލުނުވާ ފަރާތްތަކަށް، މުލަ ރޯދަ ދުވަހާ ހަމައަށް މާލޭގައި ހުންނަ މިފްކޯ މަރުކަޒުން މަސްދަޅު ކޭސް ދޫކުރާނެ ކަމަށް ސަރުކާރުން ބުނެއެވެ.
މާލެ ސަރަހައްދުގައި މި މަސައްކަތް ކުރިއަށް ގެންދިޔައީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ވުޒާރާގެ އިސްނެންގެވުމާއެކު، ސަރުކާރުގެ ކުންފުނިތަކާއި ފުލުހުންނާއި ސިފައިން ގުޅިގެންނެވެ.
މިއީ ކޮންމެ ރަމަޟާން މަހަކު ރޯދަ ހަދިޔާ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން ކުރިއަށްގެންދާ ހަރަކާތެކެވެ.




