ފ. އަތޮޅާއި ދ. އަތޮޅުގައި އާރްޓީއެލް ފެރީގެ ހިދުމަތް މާދަމާ ފަށަން ހަމަޖެހިފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.
މިނިސްޓްރީން ބުނި ގޮތުގައި މި ދެ އަތޮޅުގައި ހިދުމަތް ރަސްމީކޮށް ފެށުމަށް މިހާރު ވަނީ ހުރިހާ ތައްޔާރީތަކެއް ވެފައެވެ.
އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި، މާދަމާއިން ފެށިގެން އެއް ހަފްތާގެ މުއްދަތަށް މި ދެ އަތޮޅުގެ ރައްޔިތުންނަށް ހިލޭ ދަތުރުކުރެވޭނެއެވެ. ނަމަވެސް، މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން ދަތުރުތައް ކުރާނީ ޓިކެޓް ނަގައިގެންނެވެ. ޓިކެޓް ބުކް ކުރުމުގެ އިންތިޒާމް އާރްޓީއެލް ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ކުރިއަށްދާނެއެވެ.
ދ. އަތޮޅާއި ފ. އަތޮޅުގައި މި ހިދުމަތް ފެށުމާއެކު، ރާއްޖޭގައި އާރްޓީއެލްގެ ހިދުމަތް ދޭ އަތޮޅުތަކުގެ ޖުމްލަ އަދަދު 14 އަށް އަރާނެއެވެ.
ސަރުކާރުން މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. މި މަޝްރޫއަކީ ތިން ފިޔަވައްސަކަށް ބަހާލައިގެން، ހަ ޒޯނެއް ކަނޑައަޅައިގެން ކުރިއަށްގެންދާ މަސައްކަތެކެވެ. 2022 ވަނަ އަހަރު ފެށި މި މަޝްރޫއަށް 800 މިލިއަން ރުފިޔާ ހަރަދުކުރެއެވެ.
މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު، އަދި އަގުހެޔޮކޮށް ކަނޑު ދަތުރުފަތުރު ކުރެވޭނޭ މަގު ފަހިކޮށްދިނުމެވެ. މީގެ އިތުރުން، އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރަށްތަކަށް ކުރިއެރުން ހޯދައިދިނުމަކީވެސް މި ނިޒާމުގެ މުހިންމު ބޭނުމެއް ކަމަށް އެމްޓީސީސީން ފާހަގަކުރެއެވެ.



