މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) އިން އަތޮޅުތެރޭގައި ހުޅުވާ ދެވަނަ އައިނު ފިހާރަ، ކުޅުދުއްފުށި ސިޓީގައި މާދަމާ ހުޅުވުމަށް ނިންމައިފިއެވެ.
މި ފިހާރަ ހުޅުވައިދެއްވުމަށް ހަމަޖެހިފައިވަނީ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމެވެ.
އައިނު ހެއްދުމަކީ ރައްޔިތުންނަށް މާލީ ގޮތުން ބޮޑު ބުރައަކަށް ވާތީ، އެކަމަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސަރުކާރުގެ އައިނު ފިހާރަތައް ހުޅުވުމަށް ނިންމާފައެވެ. އެގޮތުން މާލެއާއި ހުޅުމާލޭގެ އިތުރުން އަތޮޅުތެރޭގެ ބޮޑެތި ސިޓީތަކާއި ރަށްތަކުގައި މި ހިދުމަތް ފުޅާކުރުމަށް ވަނީ ރޭވިފައެވެ.
އަތޮޅުތެރޭގައި ސަރުކާރުން ގާއިމުކުރާ ފުރަތަމަ ފިހާރަ ހުޅުވާފައިވަނީ އައްޑޫ ސިޓީގައެވެ.
އެމްސީޖީއެޗްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވި ގޮތުގައި، ސަރުކާރުގެ އައިނު ފިހާރަތަކަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދެއެވެ. އެގޮތުން މިހާތަނަށް 13,000 އަށްވުރެ ގިނަ މީހުންނަށް މި ހިދުމަތް ފޯރުކޮށްދީފައިވާކަން ސީއީއޯ ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ އައިނު ފިހާރަތަކުން އައިނު ހައްދައިދެނީ އެއްވެސް އަގަކާ ނުލައެވެ.



