ބަނގުރާ ގެންގުޅެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ހުޅުމާލެއިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އަލަމް ފަރްހާދް، ބަންގްލަދޭޝް (35އ) އާއި އަބްދުއް ރަހްމާން، ބަންގްލަދޭޝް (35އ) އެވެ.
ފުލުހުން ބުނީ، މި މަހު 16 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 ގައި މަސައްކަތްކުރާ ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު ހުޅުމާލެ އެމްޕީއެލް ކޮންޓެއިނަރ ޖެޓީ ސަރަހައްދުން އެ ދެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު 14 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ.
ފުލުހުން ބުނިގޮތުގައި، މި ދެ މީހުންނަކީ ވެސް އިމިގްރޭޝަންގެ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ދެ މީހުންނެވެ. ދެ މީހުން ވެސް މިހާރުވަނީ އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.



