ކުރިއަށް އޮތް ރަމަޟާންމަހު މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ރާއްޖޭގައި ހިންގާ ބޭންކުތަކުން ޚިދުމަތްދޭނެ ގަޑިތައް ރަސްމީކޮށް އިޢުލާންކޮށްފިއެވެ.
ބީއެމްއެލްއިން ބުނެފައިވާ ގޮތުގައި ރަމަޟާންމަހު އެ ބޭންކުގެ ބްރާންޗުތައް ހުޅުވާފައި ހުންނާނީ ހެނދުނު 09:30 އިން މެންދުރު 12:30 އަށް ކަމަށެވެ.
ނަމަވެސް ރަމަޟާންމަހުގެ ފުރަތަމަ ދުވަހު ބޭންކު ބަންދުވާނެއެވެ. ބޭންކް ހުޅުވިފައި ހުންނަ ވަގުތު ކުޑަވި ނަމަވެސް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމްކޮށްފައިވާ ސެލްފް ސަރވިސް ބޭންކިންގ ސެންޓަރތައް މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި، ނެގުމާއި، ފޮނުވުމުގެ ޚިދުމަތް 24 ގަޑިއިރު ލިބޭނެއެވެ. އަދި މީހުން ދިރިއުޅޭ ރަށްތަކުގައި ތިބި ކޭޝް އެޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިންގ ޚިދުމަތްތައް ލިބޭނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.
އެމްއައިބީ އިން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 09:00 އިން މެންދުރުފަހު 13:00 އަށެވެ.
އެމްއެމްއޭއިން ހިދުމަތްދޭ ގަޑިތަކަށް ބަލާއިރު، ރަމަޟާން މަހާއި، ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހުގެ ތެރެއިން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރުފަހު 13:00 އަށް ހުޅުވާފައި ހުންނާނެ ކަމަށް އެމްއެމްއޭއިން ބުނެއެވެ.
އެމްއެމްއޭއިން ފޯރުކޮށްދޭ ބޭންކިންގ ޚިދުމަތްތަކުގެ ތެރެއިން ފައިސާ ބަލައިގަތުމާއި ދޫކުރުމުގެ ޚިދުމަތް ކުރިއަށްދާނީ ހެނދުނު 09:30 އިން މެންދުރު 12:30 އަށެވެ. އަދި މި ވަގުތުތަކުގައި ސިޓީއާއި އެހެނިހެން ތަކެތި ބަލައިގަތުމުގެ މަސައްކަތްވެސް ކުރިއަށްދާނެ ކަމަށް އެ އޮތޯރިޓީން މަޢުލޫމާތުދެއެވެ.
ކުރީ އަހަރުތަކެކޭވެސް އެއްގޮތަށް މިއަހަރުގެ ރަމަޟާން މަހު ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 09:00 އިން މެންދުރުފަހު 13:00 އަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ކުރިން ހާމަކުރައްވާފައެވެ.



