މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ހަނދު ސާބިތުވެ، މާދަމާ އަކީ މިއަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަސް ކަމުގައި އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.
މިކަން އިއުލާންކޮށްފައިވަނީ ރޯދަ މަހުގެ ހަނދު ސާބިތު ކުރަން މިރޭ ބޭއްވި ޚާއްސަ ޖަލްސާއަށް ފަހު އިއްވެވި ހަނދާބެހޭ ގަރާރުގައެވެ.
ހަނދާއި ބެހޭ ގަރާރުގައި ބުނެފައި ވަނީ ރާއްޖެ އާއި އިސްލާމީ ގިނަ ގައުމުތަކަށް މިރޭ އިރުއޮއްސުނު އިރު ރަމަޟާން މަހުގެ ހަނދު ފެންމަތިވެފައި ހުންނާނެ ކަމަށް އިތުބާރު ހުރި ފަލަކީ ހިސާބުން ދައްކާ ކަމަށެވެ. އެހެންކަމުން ރާއްޖޭގައި ހަނދު ސާބިތުކުރުމުގައި ގެންގުޅޭ އުސޫލަށް ބަލައި، މާދަމާ އަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށް ވަނީ ރަސްމީކޮށް ކަނޑައަޅާފައެވެ.
އިސްލާމިކް މިނިސްޓްރީން ނެރުއްވި ބަޔާނުގައި ވަނީ ރަމަޟާން މަހުގެ ބަރަކާތްތެރި ތަހުނިޔާ ދިވެހި އެންމެހައި ރައްޔިތުންނަށާއި އިސްލާމީ އެހެން ގައުމުތަކަށް ފޮނުއްވައިފަ އެވެ.
މީގެ އިތުރުން، މި މާތް މަހުގެ ފައިދާ ވީ އެންމެ ރަނގަޅު ގޮތުގައި ލިބިގަތުމަށް މަސައްކަތް ކުރުމަށް ވެސް އެ ބަޔާނުގައި ދިވެހި ރައްޔިތުންނަށް ވަނީ ނަސޭހަތްތެރިވެފައެވެ.


