ކ. މާފުށީގައި މީހުން ދިރިއުޅެމުން އަންނަ ސަރަހައްދުގައި އައު ނަރުދަމާ ނިޒާމް ޤާއިމްކުރުމާއި، އަލަށް ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ އަމަލީ މަސައްކަތް އެމްޑަބްލިޔުއެސްސީ އިން ފަށައިފިއެވެ.
މިއަދު މާފުށީގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި މި މަޝްރޫޢު ފައްޓަވައިދެއްވީ، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބް އާއި އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑައިރެކްޓަރ އަލްފާޟިލް ޢަބްދުލް މަތީން މުޙައްމަދު އެވެ.
މިރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އަދި އެމްޑަބްލިޔުއެސްސީގެ އިސްވެރިންނާއި، ސީނިއަރ މެނޭޖްމަންޓް ޓީމް ބައިވެރިވެވަޑައިގަތެއެވެ.
އެމްޑަބްލިޔުއެސްސީ އިން ބުނިގޮތުގައި، މިމަޝްރޫޢުގެ ދަށުން ކ.މާފުށީގެ ހިއްކި ސަރަޙައްދުގައި ފެނާއި ނަރުދަމާ ހޮޅީގެ މައިނެޓްވޯރކް އަޅައި، ގޭގޭ ގައި ނަރުދަމާ ޖަންކްޝަނާއި ފެން މީޓަރު ބަހައްޓައި، ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅައިދެވޭނެއެވެ. އަދި ހަމަ މިއާއި އެކު ޕަންޕިންގ ސްޓޭޝަން ބެހެއްޓުމާއި، ސީއައުޓްފޯލް އެއް އެޅުމާއި، ދުވާލަކު 1500 ޓަނުގެ ފެން އުފެއްދޭ ވަރުގެ 02 އާރު.އޯ ޕްލާންޓް ބެހެއްޓުމާއި، 3500 ޓަނުގެ ފެން ރައްކާ ކުރެވޭ ވަރުގެ 02 ޓޭންކުބެހެއްޓުމާއި، ތިމާވެއްޓާ ރައްޓެހި ހަކަތަ ބޭނުންކުރުމަށްޓަކައި ސޯލާ ޕީ.ވީ ސިސްޓަމްތައް ޤާއިމްކުރުން ހިމެނެއެވެ.

މީގެއިތުރުން ކ. މާފުށީގައި މީހުން ދިރިއުޅޭ ސަރަހައްދުގައި، އައު ނަރުދަމާ ނިޒާމެއް ޤާއިމުކުރުމާއި، ނަރުދަމާ ޕަންޕިންގ ސްޓޭޝަން ބެހެއްޓުމާއި، ނަރުދަމާ ޖަންކްޝަން ބެހެއްޓުމާއި، އަދި ނަރުދަމާ އައުޓް ފޯލް އެއް އެޅުމާއި، ގޭގެއަށް ނަރުދަމާ ގެ ކަނެކްޝަން ގުޅައިދެވޭނެ ކަމަށް އެކުންފުނިން ބުންޏެވެ.
އެމްޑަބްލިޔުއެސްސީން އިތުރަށް ބުނިގޮތުގައި، މާފުށީގައި މީހުން ދިރިއުޅޭ ސަރަހައްދުގައި ނަރުދަމާ ނިޒާމް ޤާއިމްކުރުމާއި، އަދި އަލަށް ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢަކީ އެމްޑަބްލިޔުއެސްސީއާއި ސަރުކާރު ހިއްސާވާގޮތަށް ކޯ–ފައިނެސިންގ އުސޫލުން ކުރިއަށް ގެންދާ މަޝްރޫޢެކެވެ.
މިގޮތުން މި މަޝްރޫޢަށް އެމްޑަބްލިޔުއެސްސީ ޖުމްލް 88.8 މިލިއަން ރުފިޔާ ޚަރަދު ކުރުމަށް ހަމޖެހިފައިވާއިރު، ސަރުކާރުން ޚަރަދުކުރުމަށް ހަމޖެހިފައިވަނީ 186 މިލިއަން ރުފިޔާއެވެ.
މިމަޝްރޫޢުގެ މަސައްކަތްތައް ނިމުމުން ކ. މާފުށީގައި މީހުން ދިރިއުޅެމުން އަންނަ ސަރަހައްދާއި އަދި އަލަށް ހިއްކާފައިވާ ސަރަޙައްދުގައި ރައްކާތެރި ސާފު ބޯފެނާއި، ނަރުދަމާގެ ޚިދުމަތް ފަސޭހަކަމާއެކު ލިބިގެންދާނެކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.




