އީރާންގެ ފައިޓަ ޖެޓެއް ވެއްޓި ޕައިލެޓަކު މަރުވެއްޖެއެވެ.
އީރާންގެ ދައުލަތުގެ ބްރޯޑްކާސްޓަރު، އިސްލާމިކް ރިބަބްލިކް އޮފް އީރާން (އިރިބް) އިން ބުނި ގޮތުގައި ޖެޓް ވެއްޓިފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ތަމްރީންތަކެއްގަ އެވެ.
އެއާފޯސްގެ މި މަތިންދާބޯޓު ވެއްޓުނީ ހަމަދާންގެ ހުޅަނގު ޕްރޮވިންސްގައި ކަމަށާއި، އޭގެ ދެ ޕައިލެޓުންގެ ތެރެއިން އެކަކު މި ހާދިސާގައި މަރުވެފައިވާ ކަމަށް ރަސްމީ ފަރާތްތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.
އިރިބް އިން ހާމަކުރި ގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބުން ދެނެގަތުމަށް ތަހުގީގު ވަނީ ފަށާފައިއެވެ.
މި ހާދިސާ ހިނގާފައި މިވަނީ އީރާނާއި ރަޝިޔާ ގުޅިގެން އޮމާން ކަނޑާއި އިންޑިއާ ކަނޑުގެ އުތުރުގައި އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދާނެ ކަމަށް އިއުލާނުކޮށްފައިވާ ދަނޑިވަޅެއްގައެވެ. ރިއާ އެޑްމިލަރް ހަސަން މަޣްސޫދުލޫއާ ހަވާލާދީ އީރާންގެ ނިއުސް އެޖެންސީތަކުން ބުނި ގޮތުގައި، މި ޑްރިލްގެ ބޭނުމަކީ މެރިޓައިމް ސެކިއުރިޓީ ވަރުގަދަކޮށް، ދެ ގައުމުގެ ކަނޑުގެ ސިފައިންނާ ދެމެދު އޮނަ ގުޅުން އިތުރަށް ބަދަހިކުރުމެވެ.
އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ހޮރްމޫޒް ކަނޑުއޮޅީގައި މި ތަމްރީންތައް ކުރިއަށް ގެންދަނީ އެ ސަރަހައްދުގައި އީރާނަށް ބިރު ދެއްކުމަށް ޖަމާކުރަމުންދާ އެމެރިކާގެ އަސްކަރީ އުޅަނދުތަކަށް ގޮންޖެހުމުގެ ގޮތުންނެވެ. މި ތަމްރީންތައް ފަށާފައިވަނީ އީރާނާއި އެމެރިކާއިން ނިއުކްލިއާ މައްސަލާގައި ކުރިއަށް ގެންދާ މަޝްވަރާތަކުގެ ދެ ވަނަ ބުރު ނިންމާލުމަށް ފަހުގައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ގެންދަވަނީ އީރާނުން ނިއުކްލިއާ މަސައްކަތް ހުއްޓާލަން އެއްބަސްނުވާނަމަ ހަމަލާ ދޭނެ ކަމުގެ އިންޒާރު ދެއްވަމުންނެވެ. ޓްރަމްޕު އިއްޔެ ވިދާޅުވި ގޮތުގައި އީރާނުން އެއްބަސްވުމަކަށް އައުމަށް ދެން ލިބޭނީ ގިނަވެގެން 15 ދުވަހެވެ.
ނަމަވެސް އީރާނުން ބުނަމުންދަނީ އެ ގައުމުގެ ނިއުކްލިއާ ހައްގުތައް ދޫކޮށްނުލާނެ ކަމަށެވެ.




