މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ކ. އަތޮޅަށް ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ މިނިސްޓްރީން އާންމުކޮށްފައިވާ ”މޯލްޑިވްސް ޓޫރިޒަމް އަޕްޑޭޓް“ ރިޕޯޓުގައިވާ ގޮތުން، ކ. އަތޮޅަށް މިހާތަނަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 390,004 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 360,401 ފަތުރުވެރިންނާ އަޅާ ބަލާއިރު 8.2 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ ތެރޭގައި ޗުއްޓީ ހޭދަކޮށްލުމަށް އައި 387,594 ފަތުރުވެރިންނާއި، ވިޔަފާރި ބޭނުންތަކަށް އައި 1,345 ފަތުރުވެރިންގެ އިތުރުން ކްރޫޒްލައިނާތަކުން އައި 1,065 ފަތުރުވެރިން ހިމެނެއެވެ.
އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި އަތޮޅުތަކުގެ ލިސްޓުގެ ކުރީގައި 166,867 ފަތުރުވެރިންނާއެކު އޮތީ ކ. އަތޮޅު އޮތްއިރު ދެވަނައިގައި 35,451 ފަތުރުވެރިންނާއެކު އޮތީ އދ. އަތޮޅެވެ. ތިންވަނައިގައި އޮތީ 31,870 ފަތުރުވެރިން ޒިޔާރަތްކުރި އއ. އަތޮޅެވެ.
ކ. އަތޮޅަކީ ރާއްޖޭގައި އެންމެ ގިނަ އެނދު އޮޕަރޭޝަނުގައި ހުރި އަތޮޅުވެސް މެއެވެ. އެގޮތުން ރާއްޖޭގެ ޖުމްލަ 67,027 އެނދުގެ ތެރެއިން 24,864 އެނދު ހުރީ ކ. އަތޮޅުގައެވެ. މީގެ ތެރޭގައި 15,566 ރިސޯޓު އެނދާއި، 1,604 ހޮޓާ އެނދުގެ އިތުރުން 7,694 ގެސްޓްހައުސް އެނދު ހިމެނެއެވެ.
ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 7,959 ފަތުރުވެރިން ޒިޔާރަތްކުރެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި މި މަހުގެ 14 ވަނަ ދުވަހަކީ ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ދުވަހެވެ. އެ ދުވަހު އެކަނިވެސް 11,136 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ.
މިދިޔަ އަހަރު ރާއްޖެއަށް ރެކޯޑު އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިދިޔަ އަހަރުގެ ޖުމްލަ އަދަދަކީ 2.2 މިލިޔަން ފަތުރުވެރިންނެވެ. ސަރުކާރުގެ މި އަހަރުގެ އަމާޒަކީ 2.5 މިލިޔަން ފަތުރުވެރިން ރާއްޖެއަށް ގެނައުމެވެ.



