ސްރީލަންކާގައި ބުޅަލުގެ ޒަރިއްޔާއިން ޖެހޭ ނުރައްކާތެރި ބައްޔެއް ކަމަށްވާ ”ރޭބީޒް“ ފެތުރޭ މިންވަރު އިތުރުވެފައިވާ ކަމަށް އެ ގައުމުގެ ސިއްހީ އިދާރާތަކުން ހާމަކޮށްފިއެވެ.
ރޭބީޒްއަކީ އާންމު ގޮތެއްގައި ވަލުކުއްތާ ފަދަ ޖަނަވާރުތައް ދަތްއެޅުމުން ޖެހޭ ބައްޔެއް ނަމަވެސް، މި ވައިރަސް ހުރި ބުޅަލެއް ދަތްއެޅުމުން ވެސް އިންސާނުންގެ ގަޔަށް މި ބަލި އަރައެވެ.
ލަންކާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރު ރިޕޯޓްކުރި ރޭބީޒް އިންފެކްޝަންތަކުގެ ތެރެއިން އެންމެ ގިނައިން ބަލި ޖެހިފައިވަނީ މަގުމަތީގައި އުޅޭ ކުއްތާތަކުގެ ސަބަބުންނެއް ނޫނެވެ. އޭގެ ބަދަލުގައި ގިނަ މީހުންނަށް މި ބަލި ޖެހިފައިވަނީ ގޭގައި ގެންގުޅޭ ޖަނަވާރުތަކުގެ ޒަރިއްޔާއިން ކަމަށް ރިޕޯޓްތަކުން ދައްކައެވެ.
ލަންކާގައި އަހަރަކު 250,000 އާއި 300,000 އާ ދެމެދުގެ އަދަދަކަށް ކުއްތާ ދަތްއެޅުމުގެ މައްސަލަތައް ރެކޯޑްކުރެވެއެވެ.
ހެލްތު މިނިސްޓްރީގެ އެޕިޑެމިއޮލޮޖީ ޔުނިޓްގެ ކޮންސަލްޓަންޓް ކޮމިއުނިޓީ ފިޒީޝަން ޑރ. އަތުލާ ލިޔަނަޕަތިރަނާ ވިދާޅުވީ، ޖަނަވާރުގެ ސިކުނޑީގެ ސުންކު ބޭނުންކޮށްގެން ހެދި ލެބް ޓެސްޓްތަކުން ބުޅަލުގެ ތެރޭގައި ރޭބީޒް ޖެހޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާކަން ހާމަވެފައިވާ ކަމަށެވެ. ޚާއްޞަކޮށް ކޮލަމްބޯ އަދި ގަމްޕާހާ ޑިސްޓްރިކްޓްގައި ބުޅާ ދަތްއެޅުމުގެ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
ޑރ. ލިޔަނަޕަތިރަނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ބުޅާ ދަތްއެޅުމުގެ އިތުރުން ބުޅަލުގެ ސަބަބުން ގައިގެ ތަންތަން މަށައިގެން ދިއުމަކީ ވެސް ދަތްއެޅުމާ އެއްވަރަށް ނުރައްކާތެރި ކަމެކެވެ.
އެހެންކަމުން، އެއްވެސް ޖަނަވާރެއް ދަތްއަޅައިފިނަމަ ނުވަތަ ޒަޚަމްކޮށްލައިފިނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދައްކައި ފަރުވާ ހޯދުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.




