ލޯކަލް ޓުއަރިޒަމް ހިންގާ ރަށްރަށުގައި ރޯދަމަހު ދުވާލުގެ ވަގުތުތަކުގައި ރެސްޓޯރެންޓްތައް ހުޅުވައިގެން ހާމަކަން ބޮޑު ގޮތުގައި ފަތުރުވެރިންނަށް ކާން ދިނުން ހުއްޓާލަން ޖެހޭކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަޙީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ މި ރަމަޟާންމަހުގެ ފުރަތަމަ އިހްޔާ ފޯރަމްގައި ”ރަމަޟާން މަހުގެ މަތިވެރިކަން“ މި މަޢުޟޫއަށް ތަޤްރީރު ކުރައްވަމުންނެވެ.
މިނިސްޓަރު ވަނީ، ރަމަޟާން މަހުގެ ޙުރުމަތާއި ޤަދަރު ހިފެއްހެއްޓުމަށް ހުރިހާ ފަރާތްތަކަކަށް ގޮވާލައްވާފައެވެ. މިއީ އިސްލާމީ އަޤީދާއާއި ސަޤާފަތުގެ މަތިވެރި މޫސުމެއްކަން ފާހަގަކުރައްވައި، މިނިސްޓަރު ވިދާޅުވީ ފަތުރުވެރިކަން އޮތް ރަށްތަކުގައި ދުވާލު ގަޑީގައި ހާމަކަން ބޮޑު ގޮތެއްގައި ކާބޯތަކެތީގެ ޚިދުމަތް ދިނުން ހުއްޓާލަން ޖެހޭ ކަމަށެވެ.
އަދި ފަތުރުވެރިންނަށް ޚިދުމަތް ދޭނަމަ، އެމީހުން ތިބޭ ތަނެއްގައި އެކަމަށް ޚާއްސަ އިންތިޒާމެއް ހަމަޖެއްސިދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
”ރަމަޟާން މަހުގެ މަތިވެރިކަމާއި ޙުރުމަތަށް އުނިކަމެއް އަންނާނެ ފަދަ ގޮތަކަށް އެކަންކަން ކުރިއަށް ގެންދިޔުމަކީ ހުއްދަވާނެކަމެއް ނޫން،“ މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިކަމާ ގުޅޭ ޤާނޫނާއި ޤަވާއިދުތައް ތަންފީޒު ކުރުމަށް ކައުންސިލުތަކަށް ވަނީ އިލްތިމާސް ކުރައްވާފައެވެ.
ރަމަޟާން މަހަކީ ކީރިތި ޤުރުއާން ބާވާލެއްވި މައްސަރުކަމާއި، ލައިލަތުލްޤަދުރިވިލޭރޭ ފަދަ މަތިވެރި ރޭތައް އެކުލެވިގެންވާ މަހެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ރޯދައަކީ ދަތި އުނދަގޫ އަޅުކަމެއް ނޫންކަން ބަޔާންކޮށްދެއްވަމުން، ދަތުރުވެރިންނަށާއި، މާބަނޑު މީހުންނާއި ކިރުމައިންނަށް ދީނުގައި ދެއްވާފައިވާ ލުއިފަސެހަތަކުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.
ނިންމަވާލައްވަމުން މިނިސްޓަރު ވަނީ ރަމަޟާން މަހަކީ ދުޢާގެ މޫސުންކަން ފާހަގަކުރައްވައި، ﷲ ސުބުހާނަހޫ ވަތަޢާލާއާ އޮންނަ ގުޅުން ވަރުގަދަކޮށް، މި މަހުގެ ދުވަސްތަކާއި ރޭތައް ހެޔޮ ގޮތުގައި ހޭދަކުރުމަށް އަޒުމް ކަނޑައެޅުމަށް ހުރިހާ މުސްލިމުންނަށް ނަޞޭހަތްތެރިވެވަޑައިގެންފައެވެ.




