މާލޭގެ ފިހާރައަކުން ކޮފީފުޅިއެއް ވަގަށް ނެގި މައްސަލައެއްގައި ކުށް ސާބިތުވި މީހަކު 32،000 އަށް ވުރެ ގިނަ ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
މި މައްސަލައިގައި ޝަރުއީ ކޯޓުން ހުކުމް ކޮށްފައިވަނީ ށ. ކޮމަންޑޫއަށް ނިސްބަތްވާ މީހެއްގެ މައްޗަށެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ. ރެޑްވޭވް ޕްލާޒާ ފިހާރައިން 175 ރުފިޔާގެ ނެސްކެފޭ ކްލެސިކް ކޮފީފުޅިއެއް ވަގަށް ނަގައި، އޭނާ ލައިގެން ހުރި ޓީޝާޓު ތެރެއަށް ލައިގެން ފައިސާ ނުދައްކައި ފިހާރައިން ނުކުމެގެން ދާން މަސައްކަތް ކުރަނިކޮށް އޭނާ ވަނީ ހިފަހައްޓާފައެވެ.
މި މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވަނީ އެހެން މީހެއްގެ މުދަލަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއެވެ.
މި މަހުގެ 12 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، ޝަރީއަތުގެ މަޖިލީހުގައި އޭނާ ކުށަށް އިއުތިރާފުވެފައިވާ ކަމަށެވެ. އަދި އޭނާގެ ފަރާތުން އަދަބަށް ލުޔެއް ދިނުމަށް އެދިފައިވާތީ، އެ ކުށަށް އަންނަ ފަސް މަހާއި 12 ދުވަހުގެ ޖަލު ހުކުމް، ޖޫރިމަނާގެ އަދަބަކަށް ބަދަލުކޮށްދިނުމަށް މައްސަލަ ބެއްލެވި ގާޒީ ވަނީ ނިންމަވާފައެވެ.
އެގޮތުން، ކޯޓުން ވަނީ އޭނާ 32,800 ރުފިޔާއިން ޖޫރިމަނާކޮށް، އެ ފައިސާ ދައުލަތަށް ދެއްކުމަށް ހުކުމް ކޮށްފައެވެ.




